ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

"އިންތިހާބު ނުބޭއްވުނީ ޒިންމާ ނުއުފުލުމުން"

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ނުބޭއްވި ފަސްވަމުން ދަނީ ސަރުކާރާއި ކަމާގުޅޭ އިދާރާތަކުންވެސް އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރުމުން ކަމަަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމަށް ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިންތިހާބު ބާއްވަން ތައްޔާރުވެފައިވަނިކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިންތިހާބު ވަނީ ފަސްކޮށްފައެވެ. އަދި އަހަރު ދުވަހަށް އިންތިހާބު ފަސްކުރެވޭ ގޮތަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސްކޮށްފައެވެ.

ދިވެހި ޗެނަލްއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ އިންތިހާބު ނުބޭއްވި މުޅި ގައުމަށް އުފުލަން ޖެހިފައިވަނީ ބޮޑު ތަކުލީފެއް ކަމަށެވެ. ގައުމަށް ޖެހުނު މި ތަކުލީފަކީ އިދާރާތަކުން ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން ޒިންމާ ނުއުފުލުމުން ދިމާވި ކަންތައްތަކެއް ކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ އެންމެ ފުރަތަމަ އިންތިހާބު ބޭއްވުމަށް ކަނޑައެޅި ތާރީހުގައި އިންތިހާބު ބޭއްވުނީސް ކަމަށާ އޭގެ ފަހުން ކޮވިޑްގެ ހާލަތު މާ ގޯސްވެފައިވަނިކޮށް އެހެން ގައުމުތަކުން އިންތިހާބުތައް ބާއްވައިފި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިންތިހާބު ފަސްކުރަން ހައި ކޯޓަށް ގޮސް އޭގެ ފަހުން ސުޕްރީމް ކޯޓަށްގޮސް އަދި މަޖިލީހުން އަންގައިގެން އެ މައްސަލަ މަޖިލީހަށް ހުށައަޅާ އެތަށް މަސްތަކެއް އެ ގޮތުގައި ބޭކާރުކޮށްލި ކަމަަށް ލަތީފް ވިދާޅުވިއެވެ. އެ ހުރިހާ ސަކަރާތެއްގެ ތެރޭގައި އެ ދުވަސްތައް ދޫކޮށްނުލާ އިންތިހާބު ބޭއްވިނަމަަ ހާލަތު ގޯސްވުމުގެ މާކުރިން އެކަން ނިންމާލުމުގެ ފުރުސަތު ލިބުނީސް ކަމަށް ލަތީފް ވިދާޅުވިއެވެ.

"އިންތިހާބު މި އޮތީ ވާނުވާ އެއްގެ ތެރޭގައި. އެކި ފަހަރު އެކި ތާރީހު މި ދެނީ. މި އޮތީ ބެދިފައި އޮތް ހޮހޮޅައެއްގެ ތެރެއަށް ވަދެވިފައި ކަހަލަ،" އިންތިހާބު ބާއްވާނެ ކަމާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އިންތިހާބު ފަސްކުރުމުން ގާނޫނީ އެތަށް މައްސަލަތަކެއް އުފެދިފައިވާ ކަމަށެވެ. އަހަރު ދުވަހަށް އިންތިހާބު ފަސްވެެގެންދިޔައިރު މުޅީން އަލަށް ވޯޓްލެވޭ ހަހާހަށްވުރެ ގިނަ ޒުވާނުން އެބަތިބި ކަމަށާ އެމީހުންގެ ތެރޭގައި އިންތިހާބަށް ވާދަކުރަން ބޭނުންވާ ޒުވާނުން ތިބިނަމަ އެއީ އެމީހުންގެ ކިބައިން ނިގުޅައިގަންނަ ހައްގެއް ކަމަށެވެ. އަދި ވަގުތީ ކައުންސިލަރުން ތިބެ ގައުމު ހިންގަން ޖެހުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވެ މިހާރުވެސް އެފަދަ ކިތަންމެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ތިމަންނާމެންނަކީ ވަގުތީ ގޮތުން ތިބި ބައެއް ކަމަށް ދެކި ކައުންސިލުންތަކުން ޒިންމާ ނަގަންވެސް އެބަ ފަސްޖެހޭ. މިހާރު މަގާމުގައި ތިބި ބައެއް ކައުންސިލަރުން އެބަ ދެކޭ އެ ބޭފުޅުންގެ ހަގީގީ ޒިންމާއެއް މިއީ ވަގުތީ ހާލަތަކަށްވާތީ ނޯންނާނެ ކަމަށް. އެހެންވީމަ މިއީވެސް ރައްޔިތުންނަށް ލިބޭ ކިހާ ބޮޑު ގެއްލުމެއްތޯ،"

ލަތީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށާ އެކަމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން ނަގަން ޖެހޭ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށް ތަފާތު ތާރީހުތައް ދެމުންދާއިރު ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުދީ ބާއްވާ އިންތިހާބެއް އިންސާފުވެރި އިންތިހާބަކަށްވެސް ނުވާނެ ކަމަށެވެ. މިހާރުވެސް ސަރުކާރުގެ އެކި ފެންވަރުގެ ވެރިން ރަށްރަށައް ދަތުރުކޮށް ކަރަންޓީންވުމެއް ނެތި ކެންޕެއިން ހިންގަމުންދާ ކަމަށާ މިއީ އިދިކޮޅުގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނަށް އޮތީ ހަމަައެކަނި އެޕާޓީގެ ހަރުގޭގައި ކެންޕެއިން ކުރުމުގެ ފުރުސަތު ކަމަށް ވިދާޅުވެ ހައްގުތަކުން މަހުރޫމް ކޮށްގެން އަބަދު އިދިކޮޅު ކޯލިޝަން ނުގެންގުޅެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް އަބަދު މިހެން ތިބޭނެ ކަމަށް ސަރުކާރުންވެސް އިލެކްޝަންސް ކޮމިޝަނުންވެސް ދެކިގެން ނުވާނެ،" ކުރީގެ މެންބަރު ލަތީފް ވިދާޅުވިއެވެ.