ލައިފްސްޓައިލް

އެހެން މީހަކާ އިންނަން އަންހެނުން ލައްވާ ބޮޑު ލޯނެއް ނަގައިފި

އުފާވެރި ކައިވެންޏެއްގައި މައްސަލަތައް ޖެހެނީ ހަމައެކަނި ފައިސާގެ ދަތިކަމާ ހުރެއެއް ނޫނެވެ. ސައޫދީ އަރަބިޔާގެ މި ދެމަފިރިންގެ ކައިވެނި ރޫޅެން މެދުވެރިވީ ފިރިހެންމީހާ މަކަރު ހަދައި އޮޅުވާލައިގެން އޭނާގެ އަންހެނުންނަށް ބޮޑު ލަނޑެއް ދިން ކަން ފަޅާ އެރީމަ އެވެ.

ތިމާގެ ފިރިމީހާ ތިމާ ލައްވާ ބެންކުން ބޮޑު ލޯނެއް ނެންގީ އެހެން އަންހެނަކާ ކައިވެނިކުރަންކަން އެނގުމުން އެ އަންހެނަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ސައޫދީ މި އަންހެންމީހާއަށް ވެސް ލިބުނީ މިފަދަ ޝޮކެކެވެ. ފިރިހެންމީހާ އޭނާ ލައްވާ ބޮޑު ލޯނެއް ނެންގުވީ އެހެން އަންހެނަކަށް ޚަރަދުކޮށް އެމީހާއާ ސިއްރުން ކައިވެނިކުރަންކަން އަންހެންމީހާއަށް އެނގުނީ މާ ފަހުންނެވެ.

ކުރިން ވެސް މި ދެމަފިރިންގެ ކައިވެނީގެ މައްސަލަތައް ޖެހެމުން އައެވެ. ނަމަވެސް ފިރިހެންމީހާ ކައިރިން ވަރިވާން އަންހެންމީހާ ކޯޓަށް ދިޔައީ މަކަރުހަދައި އޮޅުވާލައިގެން އޭނާލައްވާ ގިނަ އަދަދެއްގެ ފައިސާ ހޯދި އެހެން އަންހެނަކާ ކައިވެނިކުރަންކަން އެނގުނީމަ އެވެ.

ސައޫދީ ނޫހެއްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފިރިހެންމީހާ އޭނާގެ އަންހެނުން ލައްވާ 120،000 ސައޫދީ ރިޔާލައިގެ ލޯނެއް ބެންކުން ނެންގުވީ މީހަކަށް ދަރާފައި އޮތް ދަރަންޏެއް އަދާކުރަން ކަމަށް ބުނެ އެވެ. ނަމަވެސް ހަގީގަތުގައި ލޯނު ނެގީ އެހެން މީހަކާ ކައިވެނިކުރަންކަން އަންހެންމީހާއަށް އެނގުނީ އޭނާގެ ތިމާގެ މީހެއްގެ ފަރާތުންނެވެ.

ވަގުތުން އަންހެންމީހާ އޭނާގެ ފިރިމީހާއާ މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުރަތަމަ ހެދީ ދޮގެވެ. ސައޫދީގެ އަލް ވަތަން ނޫހުގައި ބުނެފައިވާ ގޮތުގައި ލޯ ފާމް އަކާ ގުޅައިގެން މިކަމުގެ ހަގީގަތް އަންހެންމީހާ ހޯދީ ފިރިހެންމީހާ ދޮގު ހަދާކަން ޔަގީންވެގެންނެވެ.

ފިރިހެންމީހާ އުޅޭ އޮފީހުން ދަރަންޏަށް ނެގި ލޯނެއް ނުދެއްކިގެން އޮފީހުން ކަނޑާލާ ހިސާބަށް ގޮސްފައިވާކަމަށް އޭނާގެ އަންހެނުން ކައިރީ ބުނެ އާދޭސް ކުރަން ފެށުމުން އަންހެންމީހާ އޭނާގެ އަމިއްލަ ނަމުގައި ބެންކުން ޕާސަނަލް ލޯނެއް ނަގައި އެ ފައިސާ ފިރިހެންމީހާއަށް ދިނީ އެވެ.

ނަމަވެސް އޭގެ ދެ ތިން ހަފުތާ ފަހުން އޭނާ އެހެން މީހަކާ ކައިވެނިކުރަން އުޅޭކަމުގެ ޚަބަރު އަންހެންމީހާ އަށް ލިބުނެވެ. އަންހެންމީހާ ވަގުތުން ފިރިހެންމީހާއާ ސުވާލުކުރި ނަމަވެސް ފުރަތަމަ ހެދީ ދޮގެވެ. ވަރަށް އަވަހަށް ދެ ވަނަ ކައިވެންޏެއް ކުރާނެކަމަށް ބުނީ ދޮގު ހަދާ ހަދާ ގަބޫލު ނުކުރީމަ އެވެ.

އެހިސާބުން އޭނާ ދިން ފައިސާ އަނބުރާ ދިނުމަށް އަންހެންމީހާ އެދުނެވެ. ނަމަވެސް ފިރިމީހާ ވަނީ އެ ފައިސާ ދޭން އިންކާރުކޮށްފަ އެވެ.
ފިރިމީހާ ކައިރިން ވަރިވާން އަންހެންމީހާ ކޯޓަށް ދިޔައީ ދެނެވެ. އަންހެންމީހާގެ ގާނޫނީވަކީލު އާސިމް އަލް މުއްލާ ބުނި ގޮތުގައި ސައޫދީ ގާނޫނުތައް އޮންނަ ގޮތުން ކޯޓަށް ގަބޫލު ކުރެވޭ ފަދަ ސަބަބެއް ނެތި އަންހެނަކަށް އޭނާގެ ފިރިމީހާ ކައިރިން ވަރިއެއް ނުވެވޭނެ އެވެ. އަދި މި އަންހެންމީހާއަށް އޭނާގެ ފިރިމީހާ މަކަރު ހަދައި އޮޅުވާލާފައިވާތީ ވަރިވާން އުނދަގޫ ކަމަކަށްނުވާނެކަމަށް ގާނޫނީ ވަކީލު ބުނެފައި ވެއެވެ.