ވަރި ކައިވެނި

ކައިވެނީގެ ބޮޑު ދުވަހެއް: މިއަދު 53 ކައިވެނި

މިއަދަކީ ފެމިލީ ކޯޓަށް ބާރު ބޮޑު ދުވަހެވެ. އާންމުކޮށް ވެސް ރީތި ތާރީހު ތަކުގައި އެ ކޯޓަށް ބާރު ބޮޑުވެ އެވެ. ކޮވިޑްގެ ބަލިމަޑުކަމަށްޓަކައި ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް ލުއި ދީ ކޯޓްގައި އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސި ފަހުން މިއަދަކީ ކޯޓަށް އެންމެ ބާރު ބޮޑު ދުވަހެވެ.

މިއަދަކީ މި އަހަރުގެ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން ތާރީހެކެވެ. 2021-01-21 އެވެ. ފެމިލީ ކޯޓްގެ އޮފިޝަލަކު ވިދާޅުވީ މިއަދު އެ ކޯޓުން 53 ކައިވެންޏެއް ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓްގައި ކޮށްދިން ކައިވެންޏާއި ކޯޓުން ބޭރުގައި ގޭގޭގައި ކޮށްދިން ކައިވެނިތައް ހިމެނެއެވެ. މިއީ މި ފަހުން އެންމެ ގިނަ ކައިވެނި އެއް ދުވަހަކާއި ކުރެވޭ ދުވަހެވެ.

މިދިޔަ އަހަރުގެ ރީތި ތާރީހުތަކުގައި ވެސް ގިނަ ބަޔަކު ކައިވެނި ކޮށްފައި ވެއެވެ. އެންމެ ގިނަ ބަޔަކު ކައިވެނި ކުރީ އަހަރުގެ އެންމެ ރީތި ތާރީހު ކަމަަށް ގިނަ ބަޔަކު ދެކުނު 2020-02-20 ތާރީހުގައެވެ. އެ ދުވަހު އެކަނިވެސް 64 ކައިވެނި އޮތެވެ.

ވަރީގެ އަދަދު މަތި

މީގެ ކުރީން 2019 އަހަރު ރާއްޖޭގައި 5000 އަށް ވުރެ ގިނަ ވަރިކޮށް 60 ޕަސެންޓު މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޑީޖޭއޭގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެ އަހަރު 5117 ވަރި ކުރި އެވެ. އެއީ 2018 ވަނަ އަހަރާ ބަލާއިރު 61.6 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި 2018 ވަނަ އަހަރު ރާއްޖޭގައި ކުރީ 3199 ވަރި އެވެ.

ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްދީފައިވެ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ.