ހަބަރު

އެސްއީޒެޑް ބޯޑުގެ ޗެއާއަކަށް މިނިސްޓަރު ސައީދު

  • ސައީދު ކުރިން ހުންނެވީ ވައިސް ޗެއާ އަކަށް
  • ބޯޑްގެ މެންބަރަކަށް ހައުސިން މިނިސްޓަރު ހަމަޖެއްސެވި
  • އެސްއީޒެޑް ބޯޑްގައި ތިއްބަވަނީ ފަސް މިނިސްޓަރުން

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން، އެފަދަ ޒޯންތަކުގެ ކަންތައްތައް ބަލަހައްޓާ "ބޯޑް އޮފް އިންވެސްޓްމަންޓް"ގެ ޗެއާއަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައީސް މިއަދު ހަމަޖައްސަވައިފި އެވެ. އޭނާ ހުންނެވީ ވެސް އެ ބޯޑްގެ ވައިސް ޗެއާމަނަކަށެވެ. އަދި އެ ބޯޑްގެ މެންބަރަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ރައީސް މި ވަނީ ހަމަޖައްސަވައިފަ އެވެ.

އެސްއީޒެޑް ބޯޑްގެ ޗެއާމަނަކަށް މީގެ ކުރިން ހުންނެވީ ނައިބު ރައީސް އަހުމަދު އަދީބެވެ. އެހެން ނަމަވެސް ރައީސް އިއްޔެ ވަނީ އެ ހުރިހާ މަގާމުތަކުން ނައިބު ރައީސް އަދީބު އެކަހެރި ކުރައްވައިފަ އެވެ. އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުން ވެސް ރައީސް ވަނީ އެމަނިކުފާނު ދުރުކުރައްވައިފަ އެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ އެ ބޯޑްގައި ޖުމްލަ ފަސް މެންބަރުން ތިއްބަވަ އެވެ. އެ ބޯޑްގައި ކުރިން އިންނެވި ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިނިސްޓަރު ކަމުން ވަކި ކުރެއްވުުމުން އެ މަގާމު އޮތީ ހުސްވެފަ އެވެ. އަދި ހައުސިން މިނިސްޓަރު މުއިއްޒު ހަމަޖެއްސެވީ ހުސްވެފައިވާ އެ ބޯޑްގެ މެންބަރު ކަމަށެވެ.

އެސްއީޒެޑް ބޯޑްގައި ދެން ތިއްބަވަނީ؛

  • ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ
  • އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް

އެސްއީޒެޑް ގާނޫނުގެ 56 ވަނަ މާއްދާގެ ހ ގައިވާ ގޮތުން ފަސް މެންބަރުންގެ ބޯޑެއް ރައީސް ކަނޑައަޅުއްވަން ޖެހެ އެވެ. އަދި އެ ބޯޑުގެ މަސައްކަތްތަކަކީ އެސްއީޒެޑް ހެދުމަށް ހުށަހަޅައި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމާއި އެކަމާ ގުޅޭ ގަވާއިދުތައް އެކުލަވާލައި އެސްއީޒެޑްތަކަށް ހުއްދަ ދިނުމެވެ.