މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ހިޔާގެ 11 ކުއްޖެއް ފުވައްމުލަކު އަމާން ވެއްޓަށް ބަދަލު ކޮށްފި

ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތީގައި ދިރި އުޅޭ ކުދިންގެ ތެރެއިން، 11 ކުދިން ޏ. ފުވައްމުލަކު "އަމާން ވެއްޓަށް" ބަދަލު ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ރަށް ރަށުގެ އަމާން ވެއްޓަށް ކުދިން ބަދަލު ކުރަމުން ދަނީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޖެންޑާއިން ބުނީ ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތީގައި ދިރި އުޅޭ ކުދިންގެ ތެރެއިން، 11 ކުދިން ޏ. ފުވައްމުލަކު "އަމާން ވެއްޓަށް" ބަދަލު ކޮށްފައިވާ ކަމަށެވެ. މި 11 ކުދިންނާއެކު މި ވަގުުތު އެ ސެންޓަރުގައި 16 ކުއްޖަކު އެބަ ތިއްބެވެ.

ޖެންޑާއިން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަމަށެވެ. އެހެން ނަމަވެސް، އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވޭނެއެވެ. މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެއެވެ.

"އަމާން ވެށި" ސެންޓަރުތައް މިވަގުތު ހުރީ ށ. ފުނަދޫ އާއި ބ. އޭދަފުށި އަދި ފުވައްމުލަކުގައެވެ. މީގެ ކުރިން ފުނަދޫ އާއި އޭދަފުއްޓަށްވެސް ހިޔާގައި ތިބި ގިނަ ކުދިންތަކެއް ވަނީ ބަދަލުކޮށްފައެވެ. ޖެންޑާއިން ބުނީ އިތުރު ދެ ސަރަހައްދެއްގައިވެސް "އަމާން ވެށި" ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.