ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަނެއްކާވެސް ރާއްޖެ ކޮވިޑް ރާޅެއްގެ ތެރޭގައި

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިވެހިން 323 ދުވަސް ހޭދަކޮށްފި އެވެ. މިއީ ބޮޑު ބަލިމަޑުކަމެއްގައި ދިވެހިން މިހާ ދިގު މުއްދަތެއް މި ފަހުން ހޭދަކުރާ ފުރަތަމަ ފަހަރެވެ. ބަލިމަޑުކަމާއި ގުޅިގެން ވަރަށް ދަތީގައި ވެސް ދިވެހިން އުޅެފި އެވެ. އާންމު ދިރިއުޅުން މުޅީން ބަދަލުވެ މުޅީން ތަފާތު ލައިފްސްޓައިލަކަށް ބަދަލުވާން މަޖުބޫރު ކުރިއެވެ. ބައެއް ދުވަސްތައް ހޭދަކުރީ މުޅީން ގޭގަ އެވެ. އެއްގޮތަކަށް ބޭރަށް ނުނުކުމެވި އެތަށް ދުވަހެއް ވަންދެން ތިބެން ޖެހުނެވެ. ހުރިހާ ވިޔަފާރިތަކާއި ސުކޫލުތައް އަދި އެ ނޫން ހުރިހާ ހަރަކާތްތަކެއް ހުއްޓާލައިގެން އެތަށް މަސްތަކެއް ހޭދަކޮށްފީމެވެ. ބަލީގެ ނުރައްކާ ބޮޑުކަމުންނެވެ. ރެއަކާއި ދުވާލަކުން 100 އިން މައްޗަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ އެވެ.

ނަމަވެސް އެ ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށް ބަލި ފެތުރޭ މިންވަރު ދަށްވުމުން ކުރީން އެޅި ވަރަށް ގިނަ ފިޔަވަޅުތަކަށް ލުއިދީފި އެވެ. މިހާރުވެސް ދަނީ ދެމުންނެވެ. އިއްޔެވެސް ދިނެވެ. ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން މިހާރު މެންދަމު އެކެއް ޖަހަަން ދެން ހުޅުވާފައި ބެހެއްޓެއެވެ. ސިނަމާތަކާއި ފިލްމު ދައްކާ ތިއޭޓަރުތައް ހުޅުވާން ހުއްދަ އެބައޮތެވެ. ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތަކަށް ފުރުސަތު ދީފި އެވެ. އޭގެ ކުރިން ހިންގަމުން އައި ކާފިއު މުޅީން އުވާލާ ކަރަންޓީން 10 ދުވަހަށް ކުރުކޮށްފި އެވެ. މިހެން ގޮސް ކުރީން ނެތް ކިތަންމެ ލުޔެއް މިހާރު އެބައޮތެވެ.

ނަމަވެސް 2021 ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. އިއްޔެއަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ނަންބަރަކީ 108 އެކެވެ. މިއީ ކޮވިޑްގެ ހާލަތު ގޯސްވާން ދާ ކަމުގެ ނިޝާނެކެވެ. ޖަނަވަރީން މި ހޭދަވި 24 ދުވަހު އެކަނިވެސް 1،200 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި އަށް ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވެފައިވާ މި ދަނޑިވަޅަކީ ސުކޫލުތައް ހުޅުވާ ދަރިވަރުން ސުކޫލްތަކަށް ހާޒިރު ކިޔަވަމުންދާ ދުވަސްވަރެކެވެ. ސުކޫލުތަކުން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އަމީނިއްޔާ ސުކޫލާއި ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލާއި ޣާޒީ ސުކޫލާއި ޖަމާލުއްދީން ސުކޫލާއި މަޖީދިއްޔާ ސުކޫލުންވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ. ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ދަރިވަރުންނާއި ލައިބްރޭރިއަނުންނާއި މަސައްކަތު މީހުންވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ސުކޫލުތަކުން ފެންނަ ކޮވިޑް ކޭސްތަކުގެ ސާފު މައުލޫމާތު ހިއްސާ ނުކުރާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރެއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ މައުލޫމާތުތައް ސިއްރުކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ބެލެނިވެރިން ކުރެއެވެ. ޓީޗަރަކު އަދި ދަރިވަރަކު ޕޮޒިޓިވްވީ ނަމަވެސް އެ މައުލޫމާތު ހާމަނުކޮށް ފޮރުވާ ކަމަށް ބެލެނިވެރިން ދެކެއެވެ. އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ހިމެނޭ މަޖީދިއްޔާއާ ޖަމާލުއްދީގެ ބެލެނިވެރިންގެ އެ ޝަކުވާތައް ބޮޑެވެ.

ބައެއް ބެލެނިވެރިންގެ ނަޒަރުގައި އެޑިއުކޭޝަނުން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދަނީ އަލުން ސުކޫލުތައް ބަންދުކުރަން ޖެހިދާނެތީ އެވެ. ނޫނީ ސުކޫލަށް ދަރިވަރުން ފޮނުވަން ބެލެނިވެރިން ފަސް ޖެހިދާނެތީ އެވެ. ސުކޫލުތަކަށް ހާޒިރުވާ ދަރިވަރުންގެ އަދަދު މަދުވެދާނެތީ އެވެ. އެޑިއުކޭޝަން މައުލޫމާތު ފޮރުވަނީ ކޮން ސަބަބަކާ ހުރެ ނަމަވެސް އެކަން އެއީ ހިނގާ ކަމެއްނަމަ އެއީ ގޯހެކެވެ. ޕޮޒިޓިވް ކޭސްތަކުގެ ސައްހަ މައުލޫމާތު ބެލެނިވެރިންނާއި ދަރިވަރުންނަށް ހިއްސާކުރާން ޖެހެއެވެ. އެއީ ބަލި ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ސުކޫލުތައް

  • އަމީނިއްޔާ ސުކޫލް
  • ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލް
  • ޣާޒީ ސުކޫލް
  • ޖަމާލުއްދީން ސުކޫލް
  • މަޖީދިއްޔާ ސުކޫލް

ދެއްވަދޫގައި ބަލި ފެތުރި ގިނަ ބަޔަކަށް ބަލި ޖެހެމަކީ ވެސް މި ހާލަތު އިތުރަށް ނުރައްކާ ކުރުވި ކަމެކެވެ. ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 83 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކްލަސްޓާ ވެސް ކޮންމެ ދުވަހަކުހެން ދަނީ ފުޅާވަމުންނެވެ. އިއްޔެވެސް މީހަކު ޕޮޒިޓިވްވި އެވެ. އޭގެ ކުރީ ދުވަހާއި އޭގެ ކުރީ ދުވަހުވެސް މީހަކު ޕޮޒިޓިވްވި އެވެ.

ދެއްވަދޫ ކްލަސްޓާ ވަނީ ފަސް ރަށަކަށް ފެތުރިފަ އެވެ. އެ ކްލަސްޓާއާ ގުޅުންހުރި ހަތް މީހަކު ދާންދޫން ޕޮޒިޓިވްވެފައި ވެއެވެ. ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިނގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ދެއްވަދޫ އާއި ދާންދޫ އަދިވެސް އޮތީ މޮނިޓަރިންގަ އެވެ.

ރަށައް ބަލި ދިޔަގޮތް ހޯދުމަށް އެޗްޕީއޭއިން ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ. ނަމަވެސް އެރަށަށް ބަލި ގޮސް މިވަރުގެ ކްލަސްޓާއެއް އުފެދުނު ސަބަބު އަދި އޮތީ ނުހޯދި އެވެ.

މީގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް މުވައްޒިފުންގެ މެދުގައި އެ ބަލި ފެތުރޭ ނިސްބަތް ވަރަށް މައްޗަށެވެ. މިހާރުވެސް ޕޮޒިޓިވް ކޭސްތައް ގިނަ ހައެއްކަ ރިސޯޓް އެބައޮތެވެ. ގިނައީ މުވައްޒިފުންނެވެ.

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައި 83 މީހަކަށް ބަލި ޖެހިފައިވެއެވެ. އޮޅުވެލި ރިސޯޓްގައި 78 މީހަކަށް ބަލިޖެހިފައިވެއެވެ. އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހަކު އަދި ރެސިޑެންސް މޯލްޑިވްސް 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އިރުވެލި ރިސޯޓުން ހަ މީހަކު، އަދާރަން ކްލަބް ރަންނާޅިން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މުވައްޒިފުންގެ މެދުގައި މި ބަލި ފެތުރެން ދިމާވާ މައިގަނޑު ސަބަބަކީ ގިނަ މުވައްޒިފުން އެއް ތަނެއްގައި ނިދާ، ކައިބޮއި ހަދަން ޖެހުމެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ރިސޯޓްތަކުގައި ކިތަންމެ ވަރުގަދަ ކޮށްފައިވީނަމަވެސް މުވައްޒިފުން ތިބޭ ތަންތަނަކީ އެ ރައްކާތެރިކަން އޮތް ތަންތަނަށް ހަދަން ޖެހެއެވެ. އެހެން ނޫނީ ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވޭނެ އެވެ.

ރިސޯޓްތަކުން ޕޮޒިޓިވްވި އަދަދުތައް

  • އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައި 83 މީހެއް
  • އޮޅުވެލި ރިސޯޓްގައި 78 މީހެއް
  • އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހެއް
  • ރެސިޑެންސް މޯލްޑިވްސް 15 މީހެއް
  • އަދާރަން ކްލަބް ރަންނާޅިން 13 މީހެއް
  • އިރުވެލި ރިސޯޓުން ހަ މީހެއް

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމަކީ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެވެ. ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައިވެސް އެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ބަލި ފެތުރުން އިތުރުވެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވެވޭ މިންވަރު ދަށްވުމުންނެވެ. ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުން މަޖުބޫރު ކުރިނަމަވެސް ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް މާސްކު އަޅަނީ ވަރަށް މަދު ބައެކެވެ. ގިނަ މީހުން މިހާރު މާސްކު އަޅުވާލާފައި އޮންނަނީ ކަރުގައި ނޫނީ ދަތްދޮޅީގައެވެ. އެއީ ފުލުހަކަށް ފެނި ފިޔަވަޅެއް އަޅާފާނެތީއެވެ.

ނަޒްލާ ވިދާޅުވީ އެ އުސޫލުން ކަންކަން ހުންނަ ނަމަ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭ ކަމަަށެވެ. ކެފޭތަކާއި ހޮޓާތަކުގައި މާސްކު ނާޅާ އެތަށް ވަގެއް ހޭދަކުރާއިރު އެއީވެސް ބަލި ފެތުރެން އޮތް ވަރަށް ބޮޑު ފުރުސަތެކެވެ. އަދި ގައިދުރު ކަމެއް ނެތި މަގުތަކާއި ފިހާރަތަކުގައި އުޅުން އިތުުރުވުމަކީވެސް އޭގެ ސަބަބެކެވެ.

"އަޅުގަނޑުމެން އެޗްއީއޯސީ ހަދައިގެން މިތާނގައި [ދަރުބާރުގެ] މި ތިބެނީ ކޮވިޑް ފިލައިގެން ނުދާތީ. އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މިދަނީ ކޮވިޑްގެ ބަލިމަޑުކަން އަދި ފިލައިގެން ނުދާ ކަމަށް،" ނަޒްލާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އެޗްއީއޯސީ ހަދައިގެން މިތާނގައި [ދަރުބާރުގެ] މި ތިބެނީ ކޮވިޑް ފިލައިގެން ނުދާތީ. އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މިދަނީ ކޮވިޑްގެ ބަލިމަޑުކަން އަދި ފިލައިގެން ނުދާ ކަމަށް
ޑރ. ފާތިމަތު ނަޒްލާ ރަފީގު | އެޗްއީއޯސީގެ ތަރުޖަމާން

ކޮވިޑްގެ ބަލި ފެތުރޭ ނިސްބަތް އިތުރުވެ އަދި ބަލިފެތުރޭ ނިސްބަތް ދައްކުވައިދިން އެންމެ ބޮޑު އެއް ކަމަކީ ދާދި ފަހުން މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު ކްލަސްޓާއެވެ. މިއަދުގެ މިހާތަނަށް އެ ކްލަސްޓާއިން 103 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެ ކްލަސްޓާއާ ގުޅުންހުރި މީހަކު ވަނީ މަރުވެފައެވެ. ކައިވެނި ޕާޓީގައި ބައިވެރިވީ 120 މީހުންނެވެ. އޭގެން ގިނަ މީހުންނަށް ބަލި ޖެހިއްޖެއެވެ. އަދި އެމީހުންނާ އެކި ގޮތްގޮތުން ދިމާވެ އެއް އިމާރާތެއްގައި ދިރިއުޅޭ އެތަށް ބަޔަކަށް ބަލި ޖެހިއްޖެ އެވެ. އަދިވެސް އެ ކްލަސްޓާއިން ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުންނެވެ.

މިއީ ކޮވިޑް ފެތުރޭ ހަލުވިމިން އަދި މި ބަލީގެ ނުރައްކާތެރިކަން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖޭގެ ކޮވިޑް ތަފާސް ހިސާބް

  • މިހާތަނަށް 14,993 މީހަކު ޕޮޒިޓިވް
  • 51 މީހަކު ވަނީ މަރުވެފައި
  • 13،849 މީހަކު ވަނީ ފަސޭހަވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،086
  • މިވަގުތު 80 މީހަކަށް ދަނީ ފަރުވާ ދެމުން
  • ތިން މީހަކު އޮތީ އައިސީޔޫގައި
  • ބަލިޖެހުނު މީހުންގެ ތެރެއިން 9,314 މީހުންނަކީ ދިވެހިން

ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް ދަށް ކުރަން އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އެޗްއީއޯސީން ރޭ ވަނީ ދީފައެވެ. އޭގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރަނގަޅަށް ބޯލެނބުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑްގެ ނުރައްކާ ދެވަނަަ ރާޅެއް ރާއްޖެ ބިންދާލުމުގެ ކުރިން ހޭވެރިވާންވީ ވަގުތަކީ މިއީއެވެ. ސައުވީސް ގަޑިއިރުން ޕޮޒިޓިވްވާ ނިސްބަތް ފަންސާހުން ދަށް ނުކުރެވި 25 ދުވަސް ހޭދަ ކުރަން ޖެހުމަކީ ނުރައްކަލުގެ ރަނގަބީލުގެ އަޑު އިއްވާދޭ ކަމެކެވެ.

ރިސޯޓްތަކާއި ސުކޫލުތަކާއި ރަށްރަށުން ޕޮޒިޓިވް ކޭސްތައް އިންތިހާއަށް އިތުރުވުމަކީ ސަމާލުވާން ދޭ މެސެޖެކެވެ. ކައިވެނި ޕާޓީތަކާއި އެއްވުންތަކާއި ހަފްލާތަކުން ކްލަސްޓާތައް އުފެދި ބޮޑުވަމުން ދިއުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގަދަކުރަން ދޭ ސިގުނަލެކެވެ. އެކަންކަން ނުކޮށްފިނަަމަ އަނެއްކާވެސް އޮތީ ދަތީގެ ދުވަސްތަކެވެ.

ފިހާރަތަކާއި ކެފޭތަކާއި ހޮޓާތައް ބަންދުކުރަންވީއެވެ. ސުކޫލުތަކާއި ޔުނިވާސިޓީތަކާއި ގުރުއާން ކިލާސްތަކުގައި ބަންދު ބޯޑްއަޅުވާ ދަރިވަރުން ގޭގައި ތިބެން މަޖުބޫރުވާނީއެވެ. އެ ހާލަތަށް އަލުން ދާން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެ ހާލަތަށް ދާން ބޭނުން ނޫންނަމަ ރައްކާތެރިކަމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ގަދައަށް ހިފަހައްޓަން ޖެހެއެވެ.