ވިޔަފާރި

ގަވައިދާހިލާފަށް އުޅޭ ބިދޭސީން އެބަ މަދުވޭ: ކޮންޓްރޯލާ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުވާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު އެއްކޮށް މަދު ކުރުމަކީ އެއްވެސް ގައުމެއްގައި ކުރެވިފައިވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ރާއްޖޭގައި ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"އެއްވެސް ގައުމެއްގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީން އެއްކޮށް މަދެއް ނުކުރެވޭ. އެހެންނަމަވެސް މަދުކުރެވޭނެ. އަޅުގަނޑުމެންނަށް މިހާރު ވެސް މަދުކުރެވޭ ކަމުގެ ނިޝާން ތަކެއް ފެންނަމުން އެބަދޭ. މަދުކުރެވެމުން ދަނީ،" އަންވަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ގޮތުން އިމިގްރޭޝަނުން ވަނީ، ކުންފުނިތަކާއި އެމްޕްލޯއީމަންޓް އެޖެންސީތަކަށް ބިދޭސީން ބަަދަލު ކުރުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ. "ޝެއާޑް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުންގެ ޑޮކިއުމަންޓްތައް ހަމަކޮށް ކުންފުނިތަކާއި އެޖެންސީތަކުގެ ދަށަށް އެ މީހުން ގެންދެވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވީ މި ޕްރޮގްރާމުގައި ބިދޭސީން ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި، އޭގެ ފަހުން ގަވާއިދާ ހިލާފަށް ގެންގުޅޭ މީހުންނާއި، އެފަދަ ބިދޭސީން ގެންގުޅޭ މީހުންނާ މެދު "ހަރުކަށި ފިޔަވަޅު" އަޅާނެ ކަމަށެވެ.

"އެމްޕްލޮއިމަންޓް އެޖެންސީތަކަށް ހުޅުވާލީ ގިނަ ފުރުސަތު ދިނުމަށް. ޖެނުއަރީ އެކަކުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ މީހުންނާމެދު ފިޔަވަޅު އަޅަމުން ގެންދާނެ،" އަންވަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ބޯހިމެނުމުން ދައްކާ ގޮތުން ރާއްޖޭގައި 55،787 ބިދޭސީ ފިރިހެނުން އުޅެ އެވެ. އަދި 7،850 އަންހެނުން އުޅެމުންދެ އެވެ.