ވިޔަފާރި

މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލުނީ އަންނައުނާއި ތަރުކާރީ

  • އިންފްލޭޝަން ރޭޓް 0.16 ޕަސެންޓްގައި
  • ވައިގެ ދަތުރުފަތުގެ އަގު ދަށަށްދިޔަ
  • މަހުގެ ބާވަތްތަކުގެ ވެސް ވަނީ ވެއްޓިފައި

މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް މަތިވެފައިވަނީ ތަރުކާރީ އާއި އަންނައުނުގެ ބާވަތްތަކުން ކަމަށް ރާއްޖޭގެ ތަފާސްހިސާބާބެހޭ އިދާރާއިން ބުނެފި އެވެ.

ރާއްޖޭގެ ތަފާސް ހިސާބާ ބެހޭ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ މުދަލާއި ހިދުމަތުގެ އަގަށް އައިސްފައިވާ ބަދަލު ނުވަތަ، ސީޕީއައި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓްވަނީ 0.16 ޕަސެންޓް އުފުލިފަ އެވެ. މި މުއްދަތުގައި އެންމެ ބޮޑަށް އަގުތައް އުފުލިފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. ތަރުކާރީގެ އަގުތައް ވަނީ 5.47 ޕަސެންޓް އުފުލިފަ އެވެ. މީގެ އިތުރުން މޭވާގެ ބާވަތްތަކުގެ އަގުތައް ވަނީ 4.35 ޕަސެންޓްވަނީ އުފުލިފަ އެވެ. އަދި އަންނައުނުގެ ބާވަތްތައް ވަނީ 0.76 ޕަސެންޓް އުފުލިފަ އެވެ.

މިދިޔަ މަހު އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތައް ހިމެނެ އެވެ. މަހުގެ ބާވަތްތަކުގެ އަގުތައް ވަނީ 2.20 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ކިރާއި ކުކުޅު ބިސް އަދި ޗީޒްގެ އަގުތައް ވަނީ 0.51 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަގުތައް ވަނީ 3.23 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ހެދުން ފަހަން ބޭނުންކުރާ ފޮތީގެ އަގުތައް މިވަނީ 0.33 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުން އޮގަސްޓް މަހު އިންފަލޭޝަން ރޭޓްވަނީ 0.10 ޕަސެންޓް އުފުލިފަ އެވެ.