ރިޕޯޓް

ރިލްވާން "ގެއްލުވާލީ" އަދީބުތަ؟

  • މައްސަލަ އަލުން ހިލުނުއިރު އަދީބުގެ ބާރެއްނެތް
  • ރިލްވާން ގެއްލުވާލީ އަދީބުގެ ބޮޑު ހިޔާނާތެއް ފަޅާއަރާފާނެތީ ކަމަށް ބުނޭ
  • އަދީބު ވިދާޅުވަނީ ރިލްވާން ގެއްލުމާއި އޭނާއާ ގުޅުމެއް ނެތް ކަމަށް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެ، އޭނާ ހޯދުމުގެ މަސައްކަތާއި ތަހުގީގުގައި ވެސް މާ ބޮޑު ކުރިއެރުންތަކެއް ނުލިބި، އެނާއާ ގުޅޭ ވާހަކަވެސް ވަޅު ޖެހިގެންގޮސްފައި ވަނިކޮށް ރާއްޖޭގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ތަހުގީގު ޖަލެއްގައި ހައްޔަރުވުމާއެކު އަނެއްކާވެސް ވަޅުލެވިފައި އޮތް ތަނުން ރިލްވާންގެ ވާހަކަ "ތެދުވެގެން" އަތުވެއްޖެ އެވެ.

ރިލްވާނަށް ވީނުވީއެއްގެ ހަގީގަތް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ދެއްވީ އެވެ. އެ ޔަގީންކަން ދެއްވުމުގެ އިތުރުން ވަޒީރު އެ ވަނީ އިއްޔެ ރިލްވާންގެ މަންމަ އާއި އާއިލާގެ އެހެން މެމްބަރުންނާ ވެސް ބައްދަލުކުރައްވައި ބޮޑު ގެރެންޓީއެއް ވެސް އެއާއިލާ އަށް ދެއްވާފަ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު މިދިޔަ ދެ ތިން ހަފުތާއެއްގެ ތެރޭގައި ބަދަލުވެގެން ގޮސްފައި އޮތް ގޮތުން ރިލްވާން ހޯދިދާނެ ކަމުގެ ނުވަތަ އޭނާ އަށް ވީގޮތް އެނގިދާނެ ކަމުގެ އުއްމީދު ރިލްވާނެގެ އާއިލާ އަށް ވަނީ އާވެފައެވެ.

މިދި ދުވަސްތަކު ރާއްޖެއަށް އައި ބަދަލަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ތުުމަތަށް ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމެވެ. އެކަމާ ގުޅޭ ބޮޑު ތަހުގީގެއް ފެށުމާއެކު "ބާރު ގަދަވެގެން" އުޅުނު ވަރަށް ގިނަ ބައެއްގެ "ބާރުކެނޑި" ސައިޒަށް ފިޓްވެގެން ދިއުމެވެ. ބައެއް މީހުންގ ވަޒީފާ ގެއްލި ބައެއް މީހުންގެ ހައްޔަރުވުމެވެ. ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމެވެ.

ކުއްލި ގޮތަކަށް ރިލްވާނުގެ ވާހަކަ ހޯމް މިނިސްޓަރު ދެއްކެވުމުން މީގައި ފާހަގަކޮށްލަންޖެހޭ ދެ ތިން ނުކުތާ އެއް އެބައޮތެވެ:

  • އުމަރަކީ ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ ތަހުގީގުކުރާ ކޮމިޓީގެ ކޯ ޗެއާ
  • ރިލްވާނަށް ވީގޮތް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިން އިރު އަދީބު ހައްޔަރުކޮށްފައި
  • އަދީބަކީ ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތުކުރާ މެއިން ސަސްޕެކްޓެއް!

އެހެންވީމަ، ވާން މި އުޅެނީ ކިހިނެތް ހެއްޔެވެ؟ ރިލްވާން "ވަގަށް ނެގީ" ނުވަތަ އޭނާ "ގެއްލުވާލީ" ހަމަ އަސްލަށް ވެސް އިއްޔެއާ ހަމައަށް ރާއްޖޭގައި ދުވަހަކު ވެސް ޖުމްހޫރީ ވެރިކަމެއްގެ ތެރޭގައި ނުއުފެދޭހާ ބާރުގަދަވެގެން އައި އަދީބުގެ އަތެއް އެކަމުގައި އޮވެގެން ހެއްޔެވެ؟

ރިލްވާން ގެއްލުން

ރިލްވާނަށް ވީނުވީއެއް ނޭނގިގެން އެ މައްސަލަ ފުލުހަށް ހުށަހެޅީ އޭނާގެ ޚަބަރެއް ނުވެ ހަފުތާއެއްހާ ދުވަސްވީ ފަހުންނެވެ. އެ ހިސާބުން އޭނާ އޭނާ ގެއްލުނީ ކަމަށް ކަނޑައެޅުނީ އެވެ. ނުވަތަ ބަޔަކު މީހުން އޭނާ ވަގަށް ނަގައި ގެއްލުވާލީ ކަމަށް ބެލުނީ އެވެ. މަރާލުމަށް ފަހު ކޮށާލާފައި ކަނޑުފައްތާލީއޭ ވެސް މީހުން ބުނަން ފެށި އެވެ.

މިފަދަ ގޮތަކަށް މީހުން ވާހަކަ ދެއްކީ ކީއްވެގެން ހެއްޔެވެ؟ އޭނާ ގެއްލުމުގެ ކުރިން "ގެއްލުވާލައިފާނެ ކަމަށް" ނުވަތަ "މަރާލައިފާނެ ކަމަށް" ދޭހަވާ ފަދަ އިބާރާތްތަކުން މެދުނުކެނޑި އޭނާ އަށް ނުރައްކާތެރި އިންޒާރުތަކެއް ލިބިފައިވާތީ އެވެ. މާލޭގައި ވަޒީފާ އަދާކޮށްފައި ނިދަން ހުޅުމާލެ އަށް ދާއިރު، ކޮން ބައެއްކަން ނޭނގޭ ބަޔަކު އޭނާ އަށް ފާރަލަމުން ދިޔަ ވާހަކަ ވެސް އެކުވެރިން ގާތު ހިއްސާކޮށްފައި އޮތީމަ އެވެ.

އެހެންކަމުން ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލުމުން އެންމެން ވެސް ނިންމީ ބަޔަކު މީހުން ރާވައިގެން އޭނާ ވަގަށް ނެގީ ކަމަށެވެ. މި ވާހަކައަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ ރިލްވާން ގެއްލުނު ކަމަށް ބުނާ ދުވަހުގެ ރޭ އޭނާގެ ހުޅުމާލޭ ފްލެޓުން މީހަކު ގަދަކަމުން ނެރެ، އެ މީހަކަށް ވަޅިއަކުން ނުވަތަ ކަތިވަޅިއަކުން ބިރު ދައްކައިގެން ގޮސް ކާރައަކަށް އެރުވި ކަމަށް ބުނާ ވާހަކަތަކެއް ވެސް އާންމުވި ހިސާބުންނެވެ. މި ވާހަކަތަކެއް ފެތުރީ ރިލްވާން ދިރިއުޅޭ ފްލެޓް ކައިރީގައި ހުރި އެހެން ފްލެޓެއްގައި އުޅުނު ބައެކެވެ.

ފްލެޓް ކައިރިން ފެނުނު ކަމަށް ބުނާ ކާރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއް ވެސް ގެންދިޔަ އެވެ. އެހެން ނަމަވެސް އެންމެފަހުން ބުނެފައި ވަނީ ރިލްވާން ގެއްލުމުގެ މައްސަލައާ އެ ކާރަކާ ގުޅުމެއް ނެތް ކަމަށެވެ. އެކަމަކު އެ ކާރުގެ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން "ރިލްވާންގެ ގެއްލުން" އަމިއްލަ ތަޖުރިބާކާރަކު ބޭނުންކޮށްގެން ތަހުގީގުކޮށް ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ރިލްވާން ދިރިއުޅުނު ފްލެޓުން މީހަކު ނެރެގެން ގޮސް ގަދަކަމުން އެ މީހާ އެރުވި ކާރަކީ ނުރައްކާތެރި ގޭންގް ލީޑަރަކަށް ނިސްބަތްވާ ކާރެއް ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ރަސްމީ ފަރާތްތަކަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ތުހުމަތެއްގެ ތެރެއަށް އަދީބު ވަންނަނީ ކިހާ ހިސާބަކުން؟

ރިލްވާން ގެއްލުމުން އެންމެ ފުރަތަމަ ބައެއް މީހުން ބުނީ އޭނާ އަމިއްލަ އަށް މަރުވީ ކަމަށެވެ. ފުރައިގެން ދިޔައީ ކަމަށެވެ. ނުވަތަ ދީނީ ގޮތުން ހަރުކަށި ގްރޫޕެއްގެ ބަޔަކު އޭނާ ވަގަށް ނަގައިގެން ގޮސް ކަނޑުފެއްތީ ކަމަށެވެ.

އޭނާ ގެއްލުނު މައްސަލައިގެ ތުހުމަތުގެ އިނގިލި ދީނީ ހަރުކަށި ގްރޫޕުތަކަށް ނިކަން ގަދަ އަށް އަމާޒުވެގެން ދިޔަ އެވެ. ސަބަބަކީ ރިލްވާންގެ މިނިވަން ހިޔާލާއި އޭނާގެ ކުރީގެ ދިރިއުޅުމެވެ. ކުރިން ރިލްވާނަކީ ދީނީ ގަދަފަދަ ފިކުރެއްގައި ޖެހިގެން "ހަރުކަށި އިސްލާމިސްޓެއް" ގެ ގޮތުގައި އުޅުނު ޒުވާނެކެވެ.

ނަމަވެސް ވަކި ހިސާބަކުން އެމީހުން ދޫކޮށް އެބައިގަނޑުން ނުކުތީ އެވެ. އެހެންވީމަ ދީނީ ގޮތުން ހައްދުފަހަނަޅައިގޮސްފައި ތިބި މީހުންނަށް ރިލްވާންގެ ފާޑުކިޔުން އަމާޒުވެފައި އޮތުމަކީ އެ މީހުން އޭނާ ވަގަށް ނަގައި މަރާލަފާނެ ކަމެއް ކަމަށް ބައެއް މީހުންނަށް ވިސްނު ސަބަބު ކަމަށް ވެދާނެ އެވެ.

އެކަމަކު ރިލްވާން ގެއްލުނު ދުވަސްވަރުގެ ސިޔާސީ ކުލަތަކަށް ބަލާއިރު އޭނާ އަށް ގޮތެއް ހަދާލުމުގެ ފަހަތުގައި ސިޔާސީ އަތެއް އޮވެދާނެ ކަމަށް ވެސް ގަބޫލުކުރެވެ އެވެ. ރިލްވާން ގެއްލުނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި އަދީބުގެ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑުވެ ހަތުރުވެރިކަން އިންތިހާއަށް އަރައިގެން ދިޔަ ދުވަސްވަރެއްގަ އެވެ.

ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން އެ ދުވަސްވަރު އަދީބުގެ ޕާސަނަލް ލެޕްޓޮޕެއް ގެއްލުނެވެ. އަނެއްކޮޅުން އޭނާގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ މައުލޫމާތު ނޫސްވެރިއެއްގެ އަތަށް އެރި އެވެ. އެ ނޫސްވެރިޔަކީ ރިލްވާން ކަމަށް ބުނެވެ އެވެ.
-- މިއީ އެއްވެސް ރަސްމީ ވާހަކަތަކެއް ނޫނެވެ. --

ރިލްވާނަށް ލިބުނު ލިޔެކިޔުންތަކަކީ ދ. ގާމައު ނަމަކަށް ކިޔާ ރަށެއް ކޮރަޕްޝަންގެ އުސޫލުން އަދީބު ބަޔަކަށް ދެއްވި ކަމަށް ސާބިތުކުރެވޭ ވަރުގެ ލިޔެކިޔުންތަކެއް ކަމަށް ބުނެވެ އެވެ. ފަހުން މި ވާހަކައެއް އަދި ރިލްވާން ގެއްލުމާ އަދީބާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުވާލީ އަދީބު ކަމަށް ބުނެ ނޫސްތަކުގައި އެ ވާހަކަ ޖައްސަން އުޅުއްވީ ހަތުރުވެރި ނާޒިމް ކަމަށެވެ.

އެހެންވީމަ އަދީބުގެ ކޮރަޕްޝަންގެ ލިޔެކިޔުންތަކެއް ނުވަތަ ގެއްލުނު ކަމަށް ބުނާ ޕާސަނަލް ލެޕްޓޮޕް ފަދަ މައުލޫމާތުތަކެއް ރިލްވާންގެ އަތަށް އެރުވީ ވެސް ނާޒިމަށް ވެދާނެ ހެއްޔެވެ؟

އަނެއްކޮޅުން އަދީބުގެ މި ކޮރަޕްޝަންގެ މައްސަލަގަނޑެއް ފަޅާއަރުވާލަން ސިޔާސީ ބޭފުޅަކާއި ރިލްވާން މަސައްކަތްކުރި ކަމަށް ބުނެވޭއިރު ހަމަ އެ ދުވަސްވަރު، އަދީބުގެ ކޮރަޕްޝަންގެ ބޮޑު އެހެން މައްސަލަގަނޑެއް އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވެސް ހިލުވައިލި އެވެ. އެކަމުގެ ތުހުމަތު ވެސް އަދީބު އެޅުއްވީ ނާޒިމްގެ ބޮލުގަ އެވެ.

މި ހުރިހާ ވާހަކަތަކެއް މިގޮތަށް ދެކެވޭއިރު ފުލުހުންގެ އެންމެ ފުނަށް އަދީބުގެ ބާރާއި ފައިސާގެ ނުފޫޒު ވަދެފައި އޮތް މިންވަރު ރައީސް ޔާމީން މިހާރު ވަނީ ހާމަކޮށްދެއްވާފައެވެ. ވީމާ އަދީބުގެ ކޮރަޕްޝަނަށް ކުރެވޭ ތުހުމަތާއި އެ ކޮރަޕްޝަންގެ ވާހަކައިގައި މަތިއަޅައި ފޮރުވުމަށް ރިލްވާން ގެއްލުވާލާފައިވާ ކަމަށް ޝައްކުކުރަން އިތުރަށް ފަސޭހަވެގެންދެ އެވެ.

ރިލްވާން ގެއްލުމުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ކުރި ނުލިބުނީ ނުވަތަ ކުރި ލިބުނަސް އެ ތަފްސީލު އާންމުނުވީ ރައީސް އެ ވިދާޅުވާ އަދީބުގެ "ފައިސާ އަށް" ފުލުހުންގެ ވެރިން ހެއްލި ގެއްލިފައިވުމުން ކަމަށް ވެދާނެ ނޫން ހެއްޔެވެ؟ އަދި އޭރު ފުލުހުންގެ ވެރިޔަކަށް ހުންނެވީ ވެސް އަދީބާއެކު ކޮރަޕްޝަންގެ ތެރެއަށް ވަދެޑައިގެންނެވި ކަމަށް މީހުން ތުހުމަތުގެ އިނގިލި ދިއްކުރާ ބޭފުޅެކެވެ.

މީގެ އިތުރުން ރިލްވާން ޖިހާދަށް ގޮސް މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފެތުރި ދޮގު ޚަބަރަކީ ވެސް އަދީބުގެ ރޭވުމެއްގެ ދަށުން އޭނާގެ ވަފާތެރިންތަކެއް ކުރި ކަމެއް ކަމަށް ބައެއް މީހުން ތުހުމަތުކުރާއިރު މިއީ ވެސް ރިލްވާންގެ މައްސަލައިގައި އަދީބަށް ކުރެވޭ ތުހުމަތު އެހެން ދިމާލަކަށް އަނބުރާލުމަށްކުރި ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ.

ރިލްވާންގެ އާއިލާ އިން ތުހުމަތުކުރަނީ ކާކަށް؟

ރިލްވާން ގެއްލުނު މައްސަލާގައި އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އޭނާގެ އާއިލާ އިން މި މައްސަލާގައި ވަކި މީހަކަށް ތުހުމަތުގެ އިނގިލި ދިއްކޮށެއް ނަހަދަ އެވެ. އެކަމަކު އެމީހުން ބުނަނީ ސަރުކާރުގެތެރެއިން ބާރުގަދަ އަތެއް ނެތި އެ ޖަރީމާ އެގޮތުގައި ނުހިންގޭނެ ކަމަށެވެ.

"ޝައްކުކުރެވެނީ ސަރުކާރުގެ ތެރެއަށް، ކަމަކު ވަކި މީހަކަށް ނޫން. އެއީ ވަކި މީހަކު މިކަމުގެ އަޑީގައި ހުރިކަން އަޅުގަނޑުމެންނަށް ޔަގީންވެފައި ނެތީމަ. އެކަމަކު މިއީ ފުލުހުން ނުވަތަ ސަރުކާރުގެ ބޮޑު އަތެއް އޭގައި ނުހިމެނި ނުކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ބަޔަކު މީހުން ރާވައިގެން ރިލްވާން ގެއްލުވާލާފައި ވަނީ ކަމަށް ބުނެ ވާހަކަ ދައްކަމުން އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ފާތުމަތު ޝެހެނާޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވީ މީހުން ރިލްވާނަށް އިންޒާރުތަކެއް ދީފައިވީ ނަމަވެސް އޭނާ ގެއްލުވާލުމުގެ ފަހަތުގައި އޮތީ އެފަދަ ގްރޫޕެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

"ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައި ތިބި ބަޔަކަށް އަޅުގަނޑުމެން މާ ބޮޑު ޝައްކެއް ނުކުރަން. ރިލްވާން ގެއްލުމުގެ ކުރިން އޭނާ އަށް ފާރަލަން އުޅުނު މީހުންނަކީ މުޅިން ވެސް ގޭންގްތަކަށް ނިސްބަތްވާ މީހުން."

ރިލްވާން "ގެއްލުވާލީ" އަދީބުގެ ރޭވުމެއްގެ ދަށުން ކަމަށް ބުނާ ވާހަކަ ގަބޫލުކުރަންތޯ ސުވާލުކުރުމުން ޝެހެނާޒް ބުނީ "ރިލްވާނަށް ވީ ގޮތް އަދީބަށް ވެސް އެނގޭނެ" ކަމަށެވެ.

"އަދީބަކަށް ސީދާ ޝައްކެއް ނުކުރޭ އަޅުގަނޑުމެންގެ އާއިލާއަކުން. އެކަމަކު އަދީބާ މި މައްސަލައާ ގުޅުވައިގެން ވާހަކަ ދެކެވެމުން ދަނިކޮށް އޭނާ އެންމެފަހުން ހައްޔަރުކުރުން ވެގެން ދިޔައީ އާއިލާ އަށް ލިބުނު އިތުރު ހިތްވަރަކަށް،" ޝެހެނާޒް ބުންޏެވެ.

ރިލްވާންގެ މައްސަލަ މިވަގުތު ހިލުވައިލުމުގެ ބޭނުމެއް އެބައޮތްތަ؟

ރައީސް އަވަހާރަކޮށްލައްވަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތަށް އަދީބު އެ ހުންނެވީ ތަހުގީގަށް ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. ޕީޕީއެމުން ވެސް އެމަނިކުފާނު ވަކިކޮށް ނައިބު ރައީސްކަމުން ދުރުކުރުމުގެ މަސައްކަަތް ވެސް ބާރަށް މިއޮށް ކުރިޔަށްދަނީ އެވެ.

މިފަދަ ދަނޑިވަޅެއްގައި ރިލްވާންގެ މައްސަލަ ސަރުކާރުން ހިލުވައިލުމަކީ ސުވާލުތަކެއް އުފެދޭ ކަމެއް ނޫން ތޯ އެވެ؟ ބައެއް މީހުން ބުނަނީ، ހާއްސަކޮށް އަދީބުގެ ސަޕޯޓަރުން ބުނަމުން ދަނީ މިވަގުތު ސަރުކާރުން ރިލްވާންގެ މައްސަލަ ހިލުވައިލުމުގެ މަގުސަދަކީ އެ ހުރިހައި ތުހުމަތެއް އަދީބުގެ ބޮލުގައި އަޅުވައި އެބޭފުޅާގެ ދުވަސް ދުއްވާލުން ކަމަށެވެ.

"އުމަރު މިހާރު އެކުޅެނީ ސިޔާސީ ގޭމެއް،" ރިލްވާނަށް ވީގޮތުގެ ހަގީގަތް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އުމަރު ނަސީރު ދެއްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވަމުން ޒުވާނަކު ބުންޏެވެ.

"މިއޮތްހާ ދުވަހު އެ ހަގީގަތް ނުހޯދައި ކުއްލިއަކަށް މިއަދު ކީއްކުރަން އެކަމާ އުޅެންވީ؟."

ފަހަރެއްގައި ރިލްވާންގެ މައްސަލަ ބޭނުންވި ގޮތަށް ނުވަތަ އެންމެ ފުރިހަމަ އަށް ތަހުގީގުނުކުރެވި އޮތީ ވެސް އަދީބުގެ ދެ ފައި ފުލުހުންގެ އިދާރާގައި ވެސް އޮތުމުން ކަމަށްވުމަކީ ވެސް ވެފައި އޮވެދާނެ ގޮތެކެވެ.