ހަބަރު

ކަރަންޓުގައި ޖެހިގެން މުވައްޒަފަކު މަރުވި މައްސަލަ ބަލާނަން: ފެނަކަ

ގއ. ވިލިގިނލީ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒިފަކު ކަރަންޓުގައި ޖެހިގެން މަރުވި މައްސަލަ ބަލައި އެކަށީގެން ފިޔަވަޅު އަޅާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.

މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން މަރުވެފައި ވަނީ ފެނެކައިގެ ދަށުން ހިންގާ، ވިލިގިނލީ އިންޖީނުގޭގެ މުވައްޒިފު އެ ރަށު، ޒިއުރިކް ވިލާ އަހުމަދު ތައުފީގެވެ.

ފެނަކައިން އެ މައްސަލައިގައި ނެރުނު ބަޔާނުގައި ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބަކީ ރަށުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ބުރިވެފައިވާ ކޭބަލެއް ގުޅުވަން މަސައްކަތް ކުރުމުގެ ތެރޭގައި ފޮޓޯ ސެލް ސުއިޖް އޮންވެ، ކޭބަލްއަށް ކަރަންޓް އައިސްގެން ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު، ފެނެކައިން ވެސް އެކަން ހިނގާ ދިޔަ ގޮތް ބަލާނެ ކަމަށް ވެސް ފެނެކައިން ބުންޏެވެ.

".. މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގުކޮށްދިނުމަށް މިހާރުވާނީ ފުލުހުންނަށް ހުށަހަޅާފައި. މީގެ އިތުރުން މިކަން މެދުވެރިވީ ސަބަބު ހޯދަން މިކުންފުނީގެ ފަރާތުންވެސް ތަހުގީގު ކުރާނެ ވާހަކަ ދަންނަވަން،" އެބަޔާނުގައި ބުންޏެވެ.

މި ހާދިސާގައި ނިޔާވި މީހަކީ އަހުލާގީގޮތުން ރަނގަޅު އަދި ކޮންމެ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާއި އެކު ކުރމުންގެންދިޔަ ނަމޫނާ މުވައްޒިފެއް ކަމަށް ކުންފުނިން ފާހަގަ ކުރި އެވެ. އޭނާ މަރުވުން އެއީ ކުންފުންޏަށް ލިބުނު ހިތާމައެއްކަން ފެނަކަ އިން ވަނީ އެ ބަޔާނުގައި ފާހަގަކޮށް އޭނާއަށް ހެޔޮ ރަހުމަތްލެއްވުމަށް ދުއާކޮށްފައިވެ އެވެ.