ދިވެހި ސިނަމާ

"ހުވާ ކޮށްފާބުނަން" ވަރަށް ކަމުދޭ!

ފިލްމީ ތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އާ ޑްރާމާ ސިލްސިލާ "ހުވާ ކޮށްފާބުނަން" މިހާރު ދަނީ ބައިސްކޯފުން ދައްކަމުންނެވެ. މިހާތަނަށް އެ ސީރީޒްގެ ހަތް އެޕިސޯޑް ވަނީ ސްޓްރީމް ކޮށްފައެވެ. ތިން ސީޒަނަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ވެބް ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނެނީ 26 އެޕިސޯޑެވެ.

މިހާތަނަށް ދެއްކި ހަތް އެޕިސޯޑްވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔައެވެ. ހާއްސަކޮށް ސީރީޒްގެ ސްކްރީން ޕްލޭއެވެ.

ރާއްޖޭގައި އާންމު ގިނަ މައްސަލަތަކަށް ހޭލުންތެރި ކުރުވުމާއި މަޖާ ކަންތައްތަކެއް ހިމަނައިގެން އުފައްދާ މި ވެބް ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައިވެސް ހެއްވާ މަޖާ ޑައިލޮގްތައް ހިމަނާފައި ހުރެއެވެ. މިއީ ގިނަ ބަޔަކަށް ވަރަށް ޝައުގުވެރިވާ ކަމަކަށްވިއެވެ.

މި ފަހުން ޔޫއްޕެ ގެނެސްދިން ބައެއް ފިލްމުތަކުގެ ތެރޭގައި ހެއްވާ މަޖާ ބައެއް ފިލްމުތައް ހިމެނެއެވެ. "ނޯޓީ ފޯޓީ" އާއި "ފޯޓީ ޕްލަސް" އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރި ދެ ފިލްމެވެ. މިއީ ވިޔަފާރީގެ ގޮތުން މި ފަހުން ނިކުތް އެންމެ ރަނގަޅު ދެ ފިލްމެވެ. ގިނަ ބަޔަކަށް އެންމެ ކަމުދާ ފިލްމުތަކުގެ ލިސްޓްގެ ކުރީގައި މި ދެ ނަން އޮވެއެވެ. މީގެ އިތުރުން އަދި ސްކްރީން ކުރާނެ ތާރީހެއް ނޭންގޭ "ކޮސްގިނަ މިސްޓޭކް" އަކީވެސް ޔޫއްޕެގެ ހެއްވާ މަޖާ ފިލްމުތަކުގެ ލިސްޓަށް އިތުރުވާނެ ހިޓް ފިލްމަކަށްވާނެ ކަން ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ.

"ހުވާ ކޮށްފާބުނަން" ގައި އިޖްތިމާއީ ވަރަށް ގިނަ މައްސަލަތަކަށް އަލި އަޅުވާލާފައިވެއެވެ. ގެދޮރުގެ މައްސަލަ އާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތައް އަދި ވަޒީފާގެ ދަތިކަން އޮތް މިންވަރު ދައްކައިދެއެވެ. މިއިން ކޮންމެ މައްސަލައެއް ގެނެސްދެނީ ޝައުގުވެރި ގޮތަކަށެވެ. ދޭތެރެ ދޭތެރެއިން ހެއްވާލާ ކޮންމެވެސް ޑައިލޮގެއް ވައްޓާލާފައި އޮވެއެވެ.

މި ސީރީޒް ގިނަ ބަޔަކު ފާހަގަ ކުރަނީ ފުރަތަމަ އެޕިސޯޑުން ފެށިގެންވެސް މިހާތަނަށް ދެއްކި ކޮންމެ އެޕިސޯޑެއްގައި ޝައުގުވެރި ކުރުވާ އަދި ދެން އޮންނަ އެޕިސޯޑަކަށް އިންތިޒާރު ކުރުވާ ސީރީޒެއްގެ ގޮތުގައެވެ. ކޮންމެ ހަފްތާއަކު ގަވާއިދުން މި ސީރީޒްގެ އެޕިސޯޑްތައް ބަލަމުންދާ ބެލުންތެރިން ނަޒަރުގައި މިއީ މި ފަހުން ބައިސްކޯފުން ދައްކާ އެންމެ ތަފާތު ސީރީޒެވެ.

"މިހާ ޝައުގުވެރިކޮށް ބަލާލެވުނު ފުރަތަމަ ސީރީޒަކީ މިއީ. ކޮންމެ އެޕިސޯޑެއްވެސް ވަރަށް ސަޅި. ހާއްސަކޮށް މެއިން ކެރެކްޓާތައް ވަރަށް އިންޓްރަސްޓިން. ޑައިލޮގްތައް ވަރަށް ރީތީ، ވަރަށް ޝައުގުވެރި ކުރުވާ،" އާންމުންގެ މީހަކު ފޭސްބުކްގައި ޔޫއްޕެގެ އާ ސީރީޒްއާ ގުޅޭގޮތުން ލިޔެފައިވެއެވެ.

މިއީ ގިނަ އަދަދެއްގެ ސްޓާރުން ބައިވެރިކޮށްގެން އުފައްދާފައިވާ ސީރީޒެކެވެ. އަހުމަދު ސައީދު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އާއި ނާޝިދާ މުހައްމަދު (ނާއްކޮ)ގެ އިތުރުން މިފަހުން ފިލްމީ ދާއިރާއަށް ތައާރަފްވި މަރިޔަމް ޝިފާ، ވާޝިޔާ މުހައްމަދު (ޝިޔާ) އަދި ނަތާޝާ ޖަލީލު (ނަތާ) ވެސް ވެބްސީރީޒުން ފެނިގެން ދެއެވެ.

ފިލްމުގައި މި ހުރިހާ ތަރިންގެ ރޯލުވެސް މުހިންމެވެ. ކޮންމެ އެޕިސޯޑެއްގައިވެސް މި ތަރިންގެ ކެރެކްޓާ ބޮޑެވެ. އެންމެ ފާހަގަކޮށްލެވެނީ އާ ތަރިންގެ ކުޅަދާނަ ކަމެވެ. ހާއްސަކޮށް ޝިފާ، ޝިޔާ އަދި ނަތާގެ އެކްޓިން ވަރަށް ރަނގަޅެވެ. މީގެ އިތުރުން ފުބޫ އާއި ދޮން އައްޔަ އަދި ސައީދުގެ ރޯލުން ގިނަ ބަޔަކު ހެއްވާލައެވެ.

"ހުވާކޮށްފާ ބުނަން" މިނަމުގައި ގެނެސްދޭ ވެބްސީރީޒްގެ ފުރަތަމަ ސީޒަން އެއްކޮށް ޝޫޓްކޮށް ވަނީ ނިންމާފައެވެ. ލޮކްޑައުން ތެރޭގައި ސީޒަން އެކެއް ފުރިހަމަކޮށް ނިންމާލިއިރު މިއީ ޔޫއްޕެއަށްވެސް ކުރެވުނު ތަފާތު މަސައްކަތެކެވެ.

"މޭޖާ ރޯލް ކުޅޭ 19 ކެރެކްޓާ ފެންނާނެ މި ވެބް ސީރިޒްގައި. ބޮޑު ޓީމަކާއެކު މިވަރުގެ މަަސައްކަތެއް ކުރެވުމުގެ ހިތްހަމަ ޖެހުން އެބައޮތް،" އަވަސްއާ ވާހަކަ ދައްކަމުން ޔޫއްޕެ ބުންޏެވެ.

ވެބްސީރީޒްގެ ތިން ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސްދީ "ހުވާކޮށްފާ ބުނަން" ކާމިޔާބު ކަމާއެކު ނިންމާލުމަކީ ޔޫއްޕެގެ މިވަގުތުގެ އެންމެ ބޮޑް އުންމީދެކެވެ. ހުރިހާ ފޯކަސްއެއް އޮތީ އެ މަސައްކަތަށެވެ.

ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ "ހުވާކޮށްފާ ބުނަން"ގެ އާ އެޕިސޯޑެއް ބައިސްކޯފަށް އަންނާނެ އެވެ. މިއީ ބަލާލަން ވަރަށް ކަމުދާ ތަފާތު މެސެޖްތައް ލިބޭނެ ޝައުގުވެރި ވެބްސީރީޒެކެވެ. އެކަން މިހާތަނަށް ދެއްކި ހަތް އެޕިސޯޑުން ވަނީ ޔަގީންވެފައެވެ.