ބޭރު ކުޅިވަރު

ފީފާ ރައީސްގެ އެވޯޑް ޖަޕާންގެ ނޫސްވެރިއަކަށް

ފުޓްބޯޅަ އަށް އަގުހުރި ހިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ނުވަތަ ޖަމިއްޔާ އަކަށް ދޭ ފީފާ ރައީސްގެ އެވޯޑް ޖަޕާންގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ހިރޯޝީ ކަގާވާ އަށް ލިބިއްޖެ އެވެ.

ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި މިހާރު ކުރިއަށްދާ ފީފާ އެވޯޑް ނައިޓްގައި ކަގާވާ 89، އަށް މި އެވޯޑް ހަވާލުކޮށްދެއްވީ ފީފާގެ ރައީސް ޖޯސެޕް ބްލެޓާ އެވެ.

ކުރިން ފުޓްބޯޅަ ކުޅުނު ކަގާވާ އަކީ އަދިވެސް އަމަލީ ގޮތުން ނޫސްވެރިކަމުގެ މަސައްކަތް ކުރާ ކުޅަދާނަ، ތަޖުރިބާހުރި ނޫސްވެރިއެކެވެ. މިދިޔަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގައި މަސައްކަތްކުރި އެންމެ އުމުރުން ދޮށީ ނޫސްވެރިއަކީ ކަގާވާ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު، ނޫސްވެރިކަމުގެ ކެރިއަރު ފެށުމަށް ފަހު ކަގާވާ ކަވަރުކުރި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ 1974 ވަނަ އަހަރު ފީފާ ވޯލްޑަ ކަޕެވެ. ކަގާވާ ވަނީ ޖަޕާންގައި ފުޓްބޯޅައިގެ ޕްރޮމޯޝަނާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެް ކޮށްފަ އެވެ.

"އޭނާ ވަނީ ޖަޕާނާއި އޭޝިއާގެ ފުޓްބޯޅައިގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި،" ކަގާވާ އަށް ތައުރީފްކުރައްވަމުން ފީފާގެ ރައީސް ބްލެޓާ ވިދާޅުވި އެވެ.

ކަގާވާ ބުނީ ފފާ ރައީސްގެ އެވޯޑް ލިބުމަކީ އޭނާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

"ޖަޕާންގައި ތިބި އަހަރެން ރައްޓެހިން ބުނީ ކޮންމެހެން ވެސް އެވޯޑް ނައިޓަށް ދާންވާނޭ. ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއާ ބައްދަލުކޮށް، އޮޓޯގްރާފްކޮޅެއް ހޯދަން ނަމަވެސް ދާންވާނޭ،" ކަގާވާ ބުންޏެވެ.