ހަބަރު

ސަރުކާރު އޮތީ ރައީސް ޔާމީންގެ ފުރިހަމަ ކޮންޓްރޯލްގައި: ދުންޔާ

ސަރުކާރު އޮތީ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައި ކަމަށާއި ސަރުކާރުގެ ވެރިންގެ ތާއީދާއި ސަޕޯޓް އަދިވެސް އެމަނިކުފާނަށް ލިބިވަޑައިގެން ސަރުކާރު އޮތީ ސާބިތު ކަމާއެކު ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ، "ފިނިފެންމާ" ގައި ދިން ހަމަލާއަށްފަހު ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ބަޔަކު މި ދަނޑިވަޅުގައި މަސައްކަތް ކުރަމުންދާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި މިއަދުވެސް ސަރުކާރު ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް ޔާމިންގެ އަތްޕުޅުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދައުލަތާއި ސަރުކާރުގެ އިސް ފަރާތްތަކާއި އާންމުންގެ އެބާރުލުމާއި ތާއީދު އޮތީ އެމަނިކުފާނަށް ކަމަށެވެ.

"ސަރުކާރު ފުރިހަމަ ކޮންޓްރޯލް ރައީސަށް އެބައޮތް، ޕީޕީއެމްވެސް އޮތީ އެމަނިކުފާނާއެކު. ނައިބު ރައީސް އަހުމަދު އަދީބު މިހާރު ވަނީ ޕާޓީން ވަކިކޮށްފައި،" ދުންޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުންނަށް ބިރެއް ނެތް ކަމަށެވެ. އަދި ޓޫރިސްޓުންނަށް އަމާން، ރައްކާތެރި ތަނަކަށް ހަދައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅޭ ޒުވާނުން މަދުކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

  • ރާއްޖޭގައި ޓޫރިސްޓުންނަށް ބިރެއް ނެތް
  • ރާއްޖޭގެ ނިންމުންތަކަށް ދުނިޔެ އިހުތިރާމް ކުރަންޖެހޭނެ
  • ނަޝީދުގެ މައްސައަކީ ސިޔާސީ މައްސަލައެއް ނޫނ

ކުރީގެ ރައީސް ނަޝީދުގެ މައްސަލަޔާއި ގުޅިގެން ދުންޔާ މިއަދުވެސް ވިދާޅުވެފައިވަނީ އެ މައްސަލަޔަކީ ސިޔާސީ ނުފޫޒެއް ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ޝަރުއީ މައްސަލައެއް ކަމަށާއި އެމައްސަލައަށް ފައިސަލާ ކުރާނީ ކޯޓުން ކަމަށެވެ.

ރާއްޖޭގެ ކަންކަން ނިންމުމުގައި ރާއްޖޭގެ މުއައްސަސާތަކުން ކުރާ މަސައްކަތަށް އިހުތިރާމް ކުރަން ދުންޔާ ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފަ އެވެ. އެކަމަނާ ވިދާޅުވީ، އަމިއްލަ މައްސަލަތައް އަމިއްލަޔަށް ނިންމުމަކީ ރާޢްޖެ އެދޭ ގޮތް ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ރާއްޖޭގެ މުއައްސަސާތަކަށް ހުރިހާ ފަރާތްތަކަކުންވެސް އިހުތުރާމް ކުރަން. އަމިއްލަ މައްސަލަތައް އަމިއްލަޔަށް ނިންމަން ރާއްޖެއިން ބޭނުންވަނީ،" ދުންޔާ ވިދާޅުވި އެވެ.