ބޭރު ކުޅިވަރު

މޮޅު ކޯޗުގެ މަގާމު ލޯ އަށް

ފީފާ އިން ހޮވި 2014 ވަނަ އަހަރު އެންމެ މޮޅު ކޯޗުގެ މަގާމު ޖަރުމަނަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ޔަކިމް ލޯ އަށް ލިބިއްޖެ އެވެ.

ލޯ އަށް މި މަގާމު ލިބުނީ މިހާރު ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި ކުރިއަށްދާ ފީފާ އެވޯޑް ނައިޓްގަ އެވެ. މި މަގާމަށް ލޯއާ ވާދަކުރީ ރެއާލް މެޑްރިޑްގެ ކޯޗު އިޓަލީގެ ކާލޯ އެންޗަލޮޓީ އާއި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ އެވެ.

"މިއީ ވަރަށް ކާމިޔާބު އަހަރަކަށް ފަހު އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އެވޯޑާ ހަވާލުވުމަށް ފަހު ލޯ ބުންޏެވެ. "ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ ވަރަށް ބުރަ މަސައްކަތާއި ރަނގަޅު ނިންމުންތަކެއްގެ ސަބަބުން. ޖަރުމަންގެ ޒުވާން ކުޅުންތެރިންނާއެކު މަސައްކަތްކުރަމުންދާ ހުރިހާ ކޯޗުންނަށް ޝުކުރު އަދާކުރަން. އޭގެން ކޮންމެ ކޯޗަކީ ވެސް އަހަރުގެ މޮޅު ކޯޗު ހައްގުވާ މީހެއް."

ޖަރުމަންގެ ގައުމީ ޓީމުގެ އެސިސްޓަންޓްގެ ކޯޗުގެ މަގާމު 2004 ވަނަ އަަހަރުން ފެށިގެން އަދާކުރުމަށް ފަހު، ޖަރުމަންގެ ކޯޗުކަމާ ލޯ ހަވާލުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. ލޯ އިރުޝާދުގެ ދަށުން ޖަރުމަން އިން މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މިއީ 1990 ވަނަ އަހަރުގެ ފަހުން ޖަރުމަނަށް މި މުބާރާތް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

އަންހެނުންގެ ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖަރުމަންގެ ވުލްފްސްބާގްގެެ ކޯޗު ރަލްފް ކެލަމަން އެވެ. ކެލަމަންގެ އިރުޝާދުގެ ދަށުން ވުލްފްސްބާގް އިން ވަނީ މިދިޔަ ސީޒަންގައި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މަގާމަށް ކެލަމަންއާ ވާދަކުރީ ޖަރުމަންގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު މަރެން މެއިނާޓް އަދި ޖަޕާންގެ ކޯޗު ނޯރިއޯ ސަސާކީ އެވެ.