ވިޔަފާރި

އަގު ދަށްކޮށް ޕާމް ބީޗު ވިއްކާލަން އިއުލާނުކޮށްފި

Feb 8, 2021
3

ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓުގެ އަގު ދަށްކޮށް އަނެއްކާ ވެސް ވިއްކާލަން އިއުލާނު ކޮށްފި އެވެ.

މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުން ތަކެއް ނުލިބިގެން އަނެއްކާ ވެސް އެ ރިސޯޓް ވިއްކާލަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައިއި) އިން އިއުލާން ކޮށްފައިވަނީ އިއްޔެ އެވެ.

އެސްބީއައި އިން ބުނީ މި ފަހަރުގެ ވިއްކާލަން އިއުލާނު ކުރި ބިޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަސް ކަމަށެވެ.

އިބްރާހިމް އަލިމަނިކުގެ ނަމުގައިވާ ޕާމް ބީޗް ރިސޯޓް، އެސްބީއައި އިން ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަނާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ. އެ ރިސޯޓް ނީލަމުގައި ވިއްކާލައިގެން ލޯނަށް ނުދައްކާ ހުރި ފައިސާ ހޯދަން ސިވިލް ކޯޓުން، ޖުލައި 22، 2018 ގައި ހުކުމް ކޮށްފައިވެ އެވެ.

ރިސޯޓު ނީލަމުގައި ވިއްކާލަން އެސްބީއައި އިން އެންމެ ފުރަތަމަ އިއުލާނުކުރީ 26 މިލިއަން ޑޮލަރެވެ. ނަމަވެސް، ގަންނާނެ ފަރާތެއް ނުލިބިގެން، އަގު ދަށްކޮށް 15.3 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލަން އިއުލާނުކޮށް ގަންނާނެ ބަޔަކު ނުވުމުން 14 މިލިއަން ޑޮލަރަށް ވެސް އަގު ދަށްކުރި އެވެ. އަދި އެންމެ ފަހުން މި ފަހަރު ވިއްކާލަން އިއުލާނުކޮށްފައިވަނީ އެންމެ 13 މިލިއަން ޑޮލަރަށެވެ.

ޕާމް ބީޗު ރިސޯޓު ވިއްކާލަން މަސައްކަތް ކުރަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދެ ފަރާތުން ކޯޓުން ބޭރުގައި ވާހަކަ ދެކެވި، ދައްކަންޖެހޭ އަދަދަކީ 5.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެއްބަސްވެ، އެކަން ލިޔުމަށް ވެސް ތިރިކުރެވިފައިވާވަނިކޮށް ކަމަށް އެ ރިސޯޓުން ވަނީ ތުހުމަތުކޮށްފަ އެވެ

ޕާމް ބީޗުގެ ވަކީލުން ބުނީ އެގޮތަށް ކަނޑައަޅައި، ލިޔުމުގައި ދެ ފަރާތުން ސޮއި ކުރުމާ ގުޅިގެން، އެ ފައިސާ ދައްކަން ބޭންކަށް ދިއުމުން، މިހާރު ދައްކަންޖެހޭ އަދަދަކީ 8.1 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެސްބީއައި އިން ބުނެފައިވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ލޯނު އެކައުންޓު އޮޑިޓު ކުރުމުގެ ފުރުސަތު ވެސް އެ ބޭންކުން ދީފައިނުވާކަން ބުނެފައިވެ އެވެ.