މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާން ހުޅުވާލައިފި

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލިކަން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ ބޭފުޅަކު ފުލުހުންގެ ބޯޑަށް އައްޔަނުކުރާނެ އެވެ.

އެކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ދިވެހި ފުލުހުން ޖަޒުބާތުގައި ޖެހިގެން އެތައްް ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދިންތާ ނުވަ އަހަރު ވެގެން ދިޔަ ދުވަސް ކަމަށެވެ. ރައީސް ނަޝީދު އެ އިޝާރާތް ކުރެއްވީ 2011 ވަނަ އަހަރު ވެރިކަން ބަދަލުވެގެން ދިޔަ ހާދިސާ އަށެވެ. އެ ދުވަހު ވެރިކަން ބަދަލުވީ ފުލުހުން ބަޣާވާތް ކުރުމުން ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވަ އެވެ.

"އެނގިވަޑައިގަންނަވާނެ އެ އަނިޔާގައި ގެއްލުން ލިބުނު އެތައް ބޭފުޅުންނެއް ތިއްބެވީ ދައުލަތުގެ މަތީ މަގާމްތަކުގައި ވުޒާރާތައް ހިންގެވުމަށް ގާނޫނު ހަދާ މަޖިލިސްތަކުގައި. މި މަޖިލީހުން ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައީ މި ދެންނެވި ސަބަބަށްޓަކައި. މި މަޖިލީހުގެ އަޣުލަބިއްޔަތު ރީނދޫ ކުލައިގައި ރައްޔިތުން އުފެއްދީ އެ ބަދަލު މި ދިވެހިރާއްޖެއަށް ގެންނަން އެދޭތީ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ދެން ވެގެން ދަނީ ދިވެހިންގެ އިހުތިރާމާއި ލޯބި ލިބޭ ހިދުމަތަކަށް ކަަމަށާއި އަދި ބަޣާޥާތުގައި އުޅުނު ފުލުހުންނަށް ފިޔަވަޅު އެޅިގެންދާނެ ކަަމަށެވެ.