މި ސަރުކާރުން ދެ އަހަރުތެރޭ ގެރެންޓީ ދިން ލޯނުގެ އަދަދު 6.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ތަރައްގީގެ މަޝްރޫއުތައް ހިންގީ ލޯނު ނަގައިގެނެވެ. އެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ) އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގި "ހިޔާ ފްލެޓް" މަޝްރޫއު ފަދަ ބޮޑެތި މަސައްކަތްތަކަށް އެއް ގައުމަކުން ގިނަ އަދަދެއްގެ ލޯނުތަކެއް ނެގި އެވެ. ސަރުކާރުގެ ކުންފުނި ތަކުން ހިންގި މަސައްކަތް ތަކަށް ސަރުކާރުން ބޮޑު އަދަދުތަކުން ސޮވެރިން ގެރެންޓީ ދިނެވެ. މިއީ އޭރުގެ އިދިކޮޅުން ވަރަށް ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.
އެކަމަށް އިޝާރާތް ކުރައްވާ މެންބަރު އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ގެރެންޓީދީގެން ނެގި ލޯނުގެ އަދަދަކީ 7.4 ބިލިއަން ރުފިޔާ ކަމަށާ މި ސަރުކާރުން ދެ އަހަރުތެރޭ ގެރެންޓީ ދިން ލޯނުގެ އަދަދު 6.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އުޝާމް ވަނީ ލޯނު ނެގުމާއި ގެރެންޓީ ދިނުމަކީ ގޯސް ކަމެއް ކަމަށް ކުރީން ވިސްނައިދިނުމަށް ފަހު ވެރިކަމަަށް އައިސް މިއަދު ކުރަނީ ކީއްތޯ ސުވާލު ކުރައްވާފައެވެ.
"އޭރު ރައްޔިތުންނަށް ވިސްނައިދިނީ ލޯނު ނެގުމާ ގެރެންޓީ ދިނުމަކީ ގޯސްކަމެއް ކަމަށް. މިއަދު މި ކުރަނީ ވަކި ކޮންކަމެއްތޯ،" އުޝާމްގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުން އެޗްޑީސީން ނެގި 19.25 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން ވަނީ ގެރެންޓީ ދީފައެވެ. ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އިންޑިއާގެ އެކްސްޕޯޓް އިންޕޯޓް ބޭންކުން 130 މިލިއަން ޑޮލަރު (ގާތްގަނޑަށް ދެ ބިލިއަން ރުފިޔާ) ގެ ލޯނެއްވެސް ދާދި ފަހުން ވަނީ ނަގާފައެވެ. އިންޑިއާ އިން އިތުރު ލޯނެއް ނެގިކަން އޭރު ހާމަވީ ސަރުކާރުން ބޯހިޔާވަހިކަން ތަރައްގީ ކުރަން އުފެއްދި ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (ފާފުދާލު) އިން އާއްމު ކުރި ނޫސް ބަޔާނަކުންނެވެ.
އެ ކުންފުނިން ބުނި ގޮތުގައި ހުޅުމާލޭގައި 2،000 ފްލެޓު އަޅަން ހިންގާ މަޝްރޫއަކަށް 130 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އިން ވަނީ ނަގާފަ އެވެ. މި ލޯނު ފާފުދާލަށް ދީފައި ވަނީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެނެވެ.
ރާއްޖެއަށް މިހާރު އެންމެ ބޮޑަށް އެހީވާ އެއް ގައުމަކީ އިންޑިއާ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން މިހާތަނަށް ގިނަ އަދަދެއްގެ މާލީ އެހީތެރިކަން ދީފައިވެ އެވެ. އޭގެތެރޭގައި ބޮޑު ބައެއް ދަރަނީގެ ގޮތުގައި ހިމެނެ އެވެ. މިހާރު ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު ދަރަނީގެ ތިލަފަތް މިހާރު އެންމެ ބޮޑު އެއް ގައުމަކީ އިންޑިއާ އެވެ.
އެކަމަކު ދިވެހި ސަރުކާރުން ބުނަނީ އިންޑިއާ އިން ލޯނު ދެނީ ލުއި ފަސޭހަ ލޯނު ތަކެއް ކަމަށެވެ.