ރާއްޖޭގައި އިންކަމް ޓެކްސް ގާނޫނުގެ ވިތުހޯލްޑިން ޓެކްސްއާ ގުޅޭ މާއްދާއަކަށް ގެންނަން އުޅޭ ކުއްލި އިސްލާހެއްގެ ސަބަބުން، ބޭރު ގައުމެއްގެ ކުންފުންޏަކުން ދިވެހި ދައުލަތަށް ދައްކަން އޮތް ގިނަ އަދަދެއްގެ ޓެކްސް މައާފުވެ، ދިވެހި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ގޮތެއް އެބަ މެދުވެރިވެ އެވެ.
އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ދިވެހި ސަރުކާރުން ވިތުހޯލްޑިން ޓެކްސްއަށް ގެންނަ މި ބަދަލާއެކު އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ ކޮންޓްރެކްޓާ ކުންފުންޏަކަށެވެ. އެ މީހުނަނަކީ ސަންކެން ކޮންސްޓްރަކްޝަން އެވެ.
މި ބޮޑު ނަފާ އެ ސަންކެންއަށް ލިބޭ ސަބަބަކީ އެ ކުންފުނިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގައި ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައުލަތަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކަން ޖެހި، އެ ފައިސާ ނުދައްކާ އޮތުމެވެ.
ދައުލަތަށް ލިބެން ޖެހޭ މި ފައިސާއަކީ ވޭތުވެދިޔަ ހަތަރު އަހަރެއްގެ ތެރޭގައި އެ ކުންފުނިން ރާއްޖޭގައި ހިންގި މަސައްކަތްތަކުގެ ތެރެއިން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެވެ. އެ ކުންފުނިން ރާއްޖޭގައި ރިސޯޓު ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރުމުގެ އިތުރުން މާލޭގެ ބޮޑެތި އިމާރާތް ތަކެއް އެޅުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.
ނަމަވެސް އެ ކުންފުނިން ވަނީ ދައުލަތަށް ލިބެން ޖެހޭ ޓެކްހުގެ އެ ފައިސާ ނުދައްކާ ވޭތޯ ގިނަ މަަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި އެ ނޫންވެސް ސަރުކާރުގެ ބައެއް ވުޒާރާތަކާއި ދިމަ ދިމާއަށް ގޮސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ.
މިނިސްޓަރުގެ ޖަވާބަކީ ޓެކްސް މައާފެއް ނުވާނެ!
ސްރީލަންކާގެ އެ ކުންފުނިން ވަނީ އެ މީހުންގެ އޮޑިޓްފާމް އަންސްޓަން އެންޑް ޔަންގް މެދުވެރިކޮށްކޮށް ޓެކްސް މައާފުކޮށް ދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ސިޓީ ފޮނުވާފަ އެވެ. ފޮނުވި އެ ސިޓީއެއްގެ ކޮޕީއެއް އަވަސްއަށް ލިބިފަ އެވެ. އެ ސިޓީގައި ފިނޭންސް މިނިސްޓަރު އަމީރު ވަނީ އިންކަމް ޓެކްސް ގާނޫނުގެ 55 މާއްދާއާ ހަވާލާދެއްވާފަ އެވެ. އޭނާ ސިޓީ މެދުވެރިކޮށް ވިދާޅުވި ގޮތުގައި އެ ފައިސާ މައާފުކޮށް ދެވޭކަށް ނެތެވެ. އަދި އެކަން އެ ކުންފުންޏަށް އަންގަ އެވެ.

އެ ކުންފުނިން ވިތު ހޯލްޑިން ޓެކްސް މައާފު ކުރަން ބޭނުން ވަނީ މި މަޝްރޫއަކީ މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގައި އަމަލު ކުރަން ފެށި އިންކަމް ޓެކްސް ގާނޫނު އައުމުގެ ކުރީގައި ހިންގާފައިވާ މަަޝްރޫއެއް ކަމަށް ބުނެ އެވެ. ނަމަވެސް، އެ ގާނޫނު މިހާރު އޮތް ގޮތުން ކުރިން ހިންގި މަޝްރޫއެއް ނަމަވެސް ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހެ އެވެ. އެވެ. ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ކުރާނަމަ ވިތުހޯލްޑިންގް ޓެކުހުގެ ގޮތުގައި ދައްކަން ޖެހެނީ ޖުމްލަ ފައިދާ އިން 10 ޕަސެންޓެވެ.
ވިތުހޯލްޑިން ޓެކުހުގެ އިސްލާހު މިމަހު މަޖިލީހަށް

އަވަސްއަށް އެނގިފައިވާ ގޮތުގައި މި މަހުގެ ތެރޭގައި އިންކަމް ޓެކްސް ގާނޫނަށް ގެންނަ މި އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެ އެވެ. ސަރުކާރުގެ މި ދައުރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ބިލްތަކުގައި އެބައި ހިމަނާފައި ވެއެވެ. އަދި ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވެސް ވަނީ އެކަން އަވަސް އަށް ޔަގީންކޮށް ދެ އެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް އަވަސް އަށް ވިދާޅުވި ގޮތުގައި ގާނޫނަށް ގެންނަ އިސްލާހުތައް އެނގޭނީ ފިނޭންސް މިނިސްޓްރީ އަށެވެ.
"މިހާރު އޮންނަ ގޮތުން ޕޮލިސީ ނިންމައި އެނގުމުން މީރާއަށް އެނގޭނީ. އެކަމަކު އިންކަމް ޓެކުސް ގާނޫނަށް އިސްލާހު ތަކެއް ގެނަންނަ އެބަ މަސައްކަތް ކުރައްވާ،" ފަތުހުﷲ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވެސް ވަނީ އިންކަމް ޓެކްސް ގާނޫނަށް އިސްލާހު ތަކެއް ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިސްލާހު ތަކެއް ގެންނަން ހުށަހަޅަން ނިންމާފައި ވެއެވެ. ނަމަވެސް ގެންނާނެ ބަދަލުތައް އަދި ބުނަން އެނގިވަޑައި ނުގަންނަވަ އެވެ.
މިހާރު އޮންނަ ގޮތުން ޕޮލިސީ ނިންމައި އެނގުމުން މީރާ އަށް އެނގޭނީ. އިންކަމް ޓެކުހަށް އިސްލާހު ތަކެއް ގެނަންނަ މަސައްކަތް ކުރައްވާކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން | ފަތުހުﷲ ޖަމީލް
ދައުލަތަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ
ސްރީލަންކާގެ މި ކުންފުނިން ޓެކްސް ބިލާ ހަމަށް ދިއުމުގެ ކުރިން މައާފު ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރި އެވެ. އެކަމަކު އެކަން ވާގޮތެއް އަދި ނުވެ އެވެ. ނަމަވެސް މިހާރު ގެންނަ އިސްލާހާއެކު ދައުލަތަށް ލިބެން އޮތް ގިނަ އަދަދެއްގެ ފައިސާގެ ބޮޑު އަދަދެއް ގެއްލިގެން ދާނެ އެވެ. މި ކަމަކީ ދައުލަތަށް ބޮޑު ގެއްލުމެއް ވެގެން ދާނެ ކަމެއް ކަމަށް ގާނޫނީ ބޭފުޅުން މިހާރުވެސް ދަނީ ވިދާޅުވަމުންނެވެ.
އަވަސް އަށް ވާހަކަ ދެއްކި ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ވަނީޫ އެކަން ފާހަަގަ ކުރައްވާފަ އެވެ. އަދި މި ކަމާމެދު ކަންބޮޑުވެ ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވެސް ދަނީ އެ ވާހަކަ ފެންމަތި ކުރައްވަމުންނެވެ. ބައެއް ވިޔަފާރިވެރިންގެ ޝުއޫރުތައް ވަނީ ސޯސަލް މީޑިއާގައި ވެސް ތިލަ ކުރައްވާފަ އެވެ.
ޓޫރިޒަމް ވިޔަފާރިވެރިއެއް ކަމަށްވާ އިނަ މޯލްޑިވްސްގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ފިރާގު ވަނީ 800 މިލިއަން ޑޮލަރުގެ މަޝްރޫއެއް ރާއްޖޭގައި ހިންގުމަށްފަހު ބޭރު ކުންފުންޏަކުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް މައާފު ކުރުމުން ދެން ވާނީ ކިހިނެއް ތޯ ސުވާލު ކުރައްވާފަ އެވެ.

"މި ދައްކަނީ [ޓެކްހުގެ ގޮތުގައި ދައްކަން ޖެހޭ] 180 މިލިއަން ޑޮލަރުގެ ވާހަކަ. ހަމަ ޔަގީން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސެއް މިފަދަ މުޑުދާރު، ދަށް ފެންވަރުގެ ކަމެއް ހިންގުމުގެ ފުރުސަތު ނުދޭނެކަން. ނެގި ބަޔަކު ހަތް މިލިއަން ޑޮލަރު ނަގައިގެން ކޮށްދޭނަމޭ ކިޔައިގެން ތިބެން ޖެހޭނީ، އެފަދަ ހިޔާނަތްތެއް މި ސަރުކާރުން ނުވާނެ. އަދި އަމުދުން ވެރިއަކު ބައިވެރި ނުވާނެ ފިނޭންސް މިނިސްޓަރު ވަރަށް ތަފުސީލުކޮށް ޖަބާވު ވަނީ ދެއްވާފައި. ކުރީ ސަރުކާރުން މި ފަދަ ބޮޑު ޖަރީމާއެއް ހިންގަފާނެ،" ފިރާގު ވިދާޅުވެފައިވެ އެވެ.
އަވަސްއަށް ވާހަކަ ދެއްކެވި އެހެން ވިޔަފާރިވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި މިގޮތަށް އަމަލު ކޮށްފިނަމަ ދިވެހި ކުންފުނިތަކާއި ބޭރު ކުންފުނިތަކުގެ މެދުގައި އޮތް ހަމަހަމަކަން ގެއްލިގެން ދާނެ އެވެ.
"މިގޮތަށް އިސްލާހު ގެންނަނަމަ އަޅުގަނޑަށް ފެނޭ މި މުއްދަތުގައި މުވައްޒަފުންގެ އަތުން ނެގި ޓެކްސް ވެސް އުނި ކުރަން ވެސް. ޓެކްސް ވެސް މައާފު ކޮށްދޭން. އަޅުގަނޑުމެން ބަރާ ބަރަށް ޓެކްސް ދައްކަން. އެކަމަކު ބޭރު މީހުންނަށް ޓެކްސް ދައްކަން ޖެހުނީމަ އެ ނުދައްކަން ސްޕޮންސާކޮށްގެން މަޖިލީހަށް ވަދެ ގާނޫނު އިސްލާހު ކުރަންވީ،" އޭނާ ދާޅުވި އެވެ. "މިއީ އެއްވެސް ގޮތެއް ނޫން. މިކަމުން ދައުލަތަށް ބޮޑު ގެއްލުމެއް ވެގެންދާނެ. ސަރުކާރުން އެބަޖެހޭ މިކަން ކުރަން އުޅޭ މީހުން ހުއްޓުވަން މަސައްކަތް ކުރަން."