އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނަށް ޒާހިރު އައްޔަނުކުރަން ރުހުން ދީފި

ހުސްވެފައިވާ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިއެވެ.

އޭނާގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ޒާހިރު އައްޔަނުކުރަން ފެންނަކަަމަށް 10 މެމްބަރުން ވޯޓު ދެއްވި އެވެ.

ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ޒާހިރު މިހާރު ހުންނެވީ އިލެކްޝަންސްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެ ކޮމިޝަނުން ވަކިކުރަން ނިންމުމުންނެވެ. އަކްރަމް ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަން އެކުލެވިގެންވަނީ ފަސް ބޭފުޅުންގެ މައްޗަށެވެ. އަދި ކޮމިޝަންގެ ގަވައިދުގައި ވާގޮތުން މެމްބަރެއްގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭ އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެއެވެ. އަކްރަމް އިސްތިއުފާ ދެއްވިތާ މިހާރު ދެ މަހަަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.