ވިޔަފާރި

އެންމެ ބޮޑު އަހަރީ ފައިދާގެ ރެކޯޑް އެޕަލްއިން މުގުރާލައިފި

ކެލިފޯނިއާ (ބްލޫމިންބާގް) - އެޕަލް ކުންފުންޏަށް ރެކޯޑް މިންވަރަކަށް މިއަހަރު ފައިދާ ވެފައިވާ ކަމަށް އެކުންފުނިން މިއަދު ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

އެޕަލް އިންކުން މުގުރާލާފައި މިވަނީ އެކުންފުނީގެ އަމިއްލަ ރެކޯޑުތައް އެކަންޏެއް ނޫނެވެ. މިއީ މިހާތަނަށް ވިޔަފާރި ކުންފުންޏަކުން އަހަރެއްގެ މައްޗަށް ހޯދި އެންމެ ބޮޑު ފައިދާއެވެ.

މިއަހަރުގެ ސެޕްޓެމްބަރަށް ނިމޭ އެކުންފުނީގެ މާލީ އަހަރުގެ ފައިދާއަކީ 53.4 ބިލިއަން ޑޮލަރެވެ. މިއީ ހަފްތާއަކު އެއް ބިލިއަން ޑޮލަރަށްވުރެ ވެސް ބޮޑު ފައިދާއެކެވެ. މި އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 233.7 ބިލިއަން ޑޮލަރު ލިބުނެވެ.

ކުރިން އެންމެ ބޮޑު އަހަރީ ފައިދާއެއް ހޯދި ކުންފުނީގެ ރެކޯޑް އޮންނަނީ އެކްސޮން މޮބައިލްގެ އަތުގައެވެ. އެކުންފުނިން 2008 ވަނަ އަހަރު 45.2 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދިއެވެ.

މިއަހަރު ވެސް އެޕަލްއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ އައިފޯނުންނެވެ. މި އަހަރުގެ ހަތަރުވަނަ ކްއާޓާގައި އެކަނި ވެސް އެކުންފުނިން ވަނީ 48 މިލިއަން އައިފޯނު ވިއްކާފައެވެ. މީގެ އިތުރުން 10 މިލިއަނެއްހާ އައިޕެޑާއި ހަޔެއްކަ މިލިއަން މެކްބުކް ވެސް މި މުއްދަތުގައި އެކުންފުނިން ވިއްކިއެވެ.