ރައްޔިތުންގެ މަޖިލިސް

ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރަން ރުހުން ދީފި

ފަލަސްތީނާއެކު 13 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ފޮނުވި ނަންތަކަށް މަޖިލީހުން ރުހުން ދީފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ މިދިޔަ ހަފްތާގަ އެވެ. އަދި އެ ނަންތަކަށް މިއަދު މަޖިލީހުަގއި ވޯޓަށް އެހި އިރު ވޯޓުގައި ބައިވެރިވި 39 މެމްބަރުން ވަނީ ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރަން ރުހުން ދީފައެވެ.

އެއާއެކު ސައުދީ އަރަބިއްޔާއަށް މިހާރު ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފިރު މުހައްމަދު ހަލީލް ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަަމަށް އައްޔަނުކުރެވޭނެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ފަަލަސްތީނަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ.

ނޮން ރެސިޑެންޓް ސަފީރުކަމަށް ގެނައި އިތުރު ބޭފުޅުން

- އަހުމަދު ލަތީފް: ޔުކްރެއިންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ޖަރުމަނުގެ ސަފީރުގެ މަގާމުގައި)

- ޑރ. ހުސެއިން ނިޔާޒް: އަޒަރުބެއިޖާންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ އިންޑިއާގެ ސަފީރުގެ މަގާމުގައި)

- އުމަރު އަބްދުއް ރައްޒާގް: އޮސްޓްރޭލިއާ އަދި ދެކުނު އެފްރިކާގެ ސަފީރުކަމަށް (މިހާރު ހުންނެވީ ލަންކާގެ ސަފީރުގެ މަގާމުގައި)

- މުހައްމަދު ޖިނާހު: ކެމްބޯޑިއާ، ލާއޮސް އަދި ވިއެޓްނާމްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ތައިލެންޑްގެ ސަފީރުގެ މަގާމުގައި)

- ޑރ. އާސިފް އަހުމަދު: އިޓަލީ، ތުރުކީ އަދި އޮސްޓްރިއާގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ އދ. ގެ ސަފީރުގެ މަގާމުގައި)

- އައިމިނަތު ޝަބީން: މިސްރުގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ޔޫއޭއީގެ ސަފީރުގެ މަގާމުގައި)

- އިބްރާހިމް ޝަހީބް: ނިއުޒީލެންޑްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ސިންގަޕޫރުގެ ސަފީރުގެ މަގާމުގައި)