އިލެކްޝަންސް ކޮމިޝަން

ޒާހިރު އީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ފާސްކޮށްފި

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި އެވެ.

ޒާހިރު އައްޔަން ކުރަން ފެނޭތޯ ބަލަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވި އެވެ.

ޒާހިރު މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން އޭނާގެ ނަން ދިރާސާކޮށް މުވައްސަސާ ބެހޭ ކޮމެޓީން ނިންމައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލި އެވެ.

ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޒާހިރު މިހާރު ހުންނެވީ އިލެކްޝަންސްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެ ކޮމިޝަނުން ވަކިކުރަން ނިންމުމުންނެވެ. އަކްރަމް ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.