ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބް ހިނގަމުންދާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި ތިބޭ މީހުން، އެމީހުން ތިބޭ ތަނުގައި ވޯޓު ލުމުގެ އިންތިޒާމް ހަމަޖައްސައި ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ކައިރިވަމުންދާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މިހާރު ވަނީ އިތުރުވެފަ އެވެ.
އިލެކްޝަންސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕޮޒިޓިވްވެފައި ތިބޭ މީހުން އެ މީހުން ތިބޭ ތަނުގައި ވޯޓު ލުމުގެ އިންތިޒާމަ މިހާރު އޮންނަ ގާުނޫނުގެ ތެރެއިން ކުރެވެން ނެތް ކަަމަށެވެ
"ޕޮޒިޓިވްވެފައިވާ މީހުން އެމީހުން ތިބި ތަނަކަށް ވޯޓުލާން އަޅުގަނޑުމެންނަކަށް އިންތިޒާމެއް ނުކުރެވޭނެ. އެއީ ގާނޫނުން އަޅުގަނޑުމެންނަށް މައްޗަށް ލާޒިމް. ސަބަބަކީ އެހެންވިއްޖިއްޔާ އެޗްޕީއޭގެ ފަރާތުން އަޅުގަނޑުމެން ކައިރީގައި ވިދާޅުވާން ޖެހޭނެ 10 އޭޕްރީލްގައި ޕޮޒިޓިވްވެފައި އޮންނާނީ ކިތައް މީހުންތޯ އެއް މަސްކުރިން. އޭރުން އަޅުގަނޑުމެންނަށް އެޗްޕީއޭގެ ވޯޓާސް ރަޖިސްޓްރީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގެންދެވޭނީ،" ޝަރީފް ވިދާޅުވި އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ވޯޓާސް ރަޖިސްޓްރޭޝަންގައި ކެންޑިޑޭޓުން ލައްވައި ސޮއިކުރަން ލާޒިމް ކުރެ އެވެ. ލިސްޓްތަކުގައި ސޮއިކުރުމަށް ފަހުގަ އިލެކްޝަންސް ކޮމިޝަނަށްވެސް އަދި ދައުލަތުގެ އެހެން މުވައްސަސާއަށްވެސް ވޯޓާސް ރެޖިސްޓްރޭޝަން ބަދަލުނުކުރެވޭނެ އެވެ. އެހެން ކަމުން ވޯޓާސް ލިސްޓުގައި ނުހިމެނޭ މީހަކަށް ވޯޓު ނުލެވޭނެ ކަަމަށާއި އަދި ވޯޓު ކަރުދާސްވެސް ފޮނުވާނީ ސީދާ އަދަދަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.