އިލެކްޝަންސް ކޮމިޝަން

އަންހެނުންގެ ކޮމެޓީ: ހަތް ދާއިރާއަކަށް އަލުން ހުޅުވާލަނީ

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހަތް ދާއިރާއަކުން އެކަށީގެންވާ އަދަދަށް އަންހެނުން ކުރިމަތިލާފައި ނުވާތީ އެ ދާއިރާތަކަށް ކުރިމަތިލާން އަލުން ހުޅުވާލަން ނިންމައިފި އެވެ

އަލުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ނިންމި ރަށްތަކުގެ ތެރެއިން ވ. ރަކީދޫ އަދި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް އެއްވެސް މީހަކު ކުރިމަތި ނުލަ އެވެ. އެހެންކަމުން އެ ދެ ރަށުގެ ފަސް މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލާނެ އެވެ.

ދެން އިންތިހާބަށް ހުޅުވާލާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަންފަރު އާއި ކ. ދިއްފުށި އަދި ވ. ފުލިދޫ ހިމެނެ އެވެ. އެ ތިން ރަަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް މަގާމުގެ ތެރެއިން އެއް މަގާމަށް އެއްވެސް މީހަކު ކުރިމަތި ނުލަތީ އެ ދާއިރާއަށް ކުރިމަތިލާން އަލުން ހުޅުވާލާނެ އެވެ.

އަދި އއ. ފެރިދޫ އާއި ހދ. ނޭކުރެންދޫއަށް ވެސް އެކަށީގެންވާ އަދަދަށް އަންހެނުން ކުރިމަތި ނުލަ އެވެ. ފެރިދޫން ކުރިމަތިލީ އެންމެ މީހެކެވެ. އޭނާ ހޮވިފައިވާއިރު އިތުރު ހަތަރު މަގާމަށް ކުރިމަތިލާން ހުޅުވާލާނެ އެެވެ. ހދ. ނޭކުރެންދޫއިން ތިން މީހަކު ކުރިމަތިލައިފައިވާތީ އިތުރު ދެ މަގާމަށް ކުރިމަތިލާންވެސް އަލުން ހުޅުވާލާނެ އެވެ.

އަންހެނުންގެ ކޮމެޓީތަކަށް ކުރިމަތިލި 139 އަންހެނަކު ނަން އަނބުރާ ގެންދިޔަ އިރު އިންތިހާބާ ނުލައި 90 މެމްބަރުން ވަނީ އިންތިހާބުވެފަ އެވެ.

މިފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި 169 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައި ވެ އެވެ. އަދި އިންތިހާބާއި ނުލައި 30 ކައުންސިލަރަކު ވަނީ ހޮވިފަ އެވެ.

އެޗްޕީއޭއިން އިންތިހާބް ބާއްވަން ކަނޑައެޅި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މިފަހަރުގެ އިންތިހާބުގައި 735 ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފަ އެވެ. ކުރިން އޮތީ 532 ފޮށި ބަހައްޓާށެވެ. އާ ބަދަލާއެކު ފޮއްޓަކަށް އެންމެ ގިނައިން ވޯޓު ލެވޭނީ 500 މީހުންނަށެވެ.