ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލައިސަންސް ޖޫރިމަނާތަކަށް ރަނގަޅު ހައްލެއް ދޭނަން: ރަައީސް

ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި އެބަތިބި ކަމަށާ އެ ކަމަަށް ރަނގަޅު ހައްލެއް ހޯއްދަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޕެއިންޓީމުތަކާއި ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ އޮންލައިން ކޮށް ބޭއްވި ބައްދަލްވުމެއްގައެވެ.

އެމްޑީޕީ އޮފީހުގައި އިންްނަވާ ރަައީސް ވަނީ ކެންޕެއިން ޓީމުތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަވާފައެވެ. އަދި ރަށްރަށުގައި ފަށަން ހުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ވަނީ ލައިސަންސް ނެތި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ. ޒުވާނެއްގެ ވާހަކަ ފާހަގަކުރައްވާ ޖޫރިމަނާ ގޮތުގައި ލައްކައެއްހާ ރުުފިޔާ ދައްކަން ޖެހޭ ކަމަށް ވިދާޅުވުމުން ރައީސް ވަނީ އަށާރަ އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވައިގެން ޖޫރިމަނާ ކުރުމުން އެ ފައިސާ ނުދެއްކިވާ މައްސަލަތައް އަތޮޅުތެރެއެކޭ އެއްގޮތަށް މާލޭގައިވެސް ބޮޑު ކަމަށެވެ.

ރައީސް ވިދާޅުވީ ޖޫރިމަނާ އޮވެގެން ކައިވެނި ނުކުރެވި ތިބި ކުދިން އެބަތިބި ކަމަށާ ވަރަށް އަވަހަށް އެ މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ހައްލެއް ކަމަށް ވިދާޅެއް ނުވެއެވެ.

"އަށާރަ އަހަރު ނުފުރޭ ކުދިން ދުއްވައިގެން ޖޫރިމަނާކޮށްފައި އޮތުން. އެ އެބައުޅޭ މާލޭގެ ވަރަށް ގިނަ ތަންތަނުގައި. އަޅުގަނޑުމެން އެއަށް ރަނގަޅު ހައްލެއް ހޯދާދޭނަން އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ. އެކުދިންނަށް ލައިސަންސް ނެގި.. އަދި މީގަ އެބަ ދިމާވާ ކަމެއް އޮންނަ ކަމަށްވަނީ ޖޫރިމަނާ ދައްކަން އޮވެއްޖެއްޔާ ކައިވެނިވެސް ނުކުރެވޭ. ބައެއް ކުދިންނަށް ކައިވެނިވެސް ނުކުރެވިފައި އެބަހުރި. ދިޔައީމަ ކޯޓުން އެބަބުނޭ އެބައޮތޭ ޖޫރިމަނާއެއް. ޖޫރިމަނާ ނުދައްކަނީހެން ނުކުރެވޭ. އެހެން ތިބި އެތަށް ކުދިންނެއް އެބަތިބި،" ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވުމުން އެއްވެސް ކުއްޖަކު ލައިސަންސް ނެތި ދުއްވައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ "އެ ކުދިންނަށް ދުއްވެނީ" ކަމަަށެވެ. ނަޝީދު ވަނީ ޖޫރިމަނާއަށް ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށް ބުނުމުން ސުވާލު އުފައްދަވާފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ތަކުރާރުކޮށް ދުއްވުމުން ޖޫރިމަނާ ބޮޑުވަނީ ކަމަށެވެ. އަދި ރައީސް ވަނީ ހުރިހާ ކުދިންވެސް "ލައިސަންސް ނައިގެން ދުއްވަން ފަރިތަ ކުރަންވީ" ކަމަށް ވިދާޅުވެފައެވެ.