ފުވައްމުލައް

ފުވައްމުލަކު ކޮންޓެސްޓް ސެންޓަރުން މިއަހަރު 100 ވަޒީފާ

ފުވައްމުލަކުގައި ގާއިމުކުރާ ކޮންޓެސްޓް ސެންޓަރު ފުޅާވެގެން ދާއިރު މިއަހަރުގެ ތެރޭގައި 100 އެއްހާ ވަޒީފާ އުފެދިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެންޕެއިންޓީމުތަކާއި ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލްވުމުގައި ފައްޔާޒު ވިދާޅުވީ ފުވައްމުލަކުގައި އިގްތިސާދީ މަސައްކަތްތައް ހިންގުމަށް ދަތިތަކެއް ހުރި ނަމަވެސް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް އެ ސިޓީގައި ކޮންޓެސްޓް ސެންޓަރެއް ގާއިމު ކުރުމަށް އޮފީސް އުފައްދާ މަސައްކަތް ފަށާފައިވާ ކަމަށާ މި މަހުގެ ތެރޭގައިވެސް 20 ވަޒީފާ އުފެދިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ކޮންޓެސްޓް ސެންޓަރު އިތުރުވެގެންދާއިރު މި އަހަރުގެ ތެރޭގައި 100 އެއްހާ ވަޒީފާ ފުވައްމުލަކުގެ ތެރޭގައި އުފެއްދޭނެ،" ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މަސައްކަތް ފެށުމަށް މިވަގުތު އޮތް ހުރަހަކީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެެން އަޅާފައިވާ ފިޔަވަޅުތަކެވެ. ލުއި ލިބުމާއެކު އިންޓަވިއު ޓީމުތައް ފައިނަލް އިންޓަވިއުއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުވައްމުލަކަށް 35 މިލިއަން ރުފިޔާގެ ލޯނު

ފައްޔާޒު ވިދާޅުވީ ފުވައްމުލަކުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް މިހާތަނަށް ލޯނުގެ ގޮތުގައި ބޮޑު އެހީއެއް ދެވިފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ކޮމާސް އަދި ފަތުރުވެރިކަމަށް ހާއްސަކޮށް އެސްއެމްއީ ބެންކު މެދުވެރިކޮށް 35 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

މިއަހަރުވެސް އެ ސިޓީގެ ރައްޔިތުންނަށް ލޯނު ދޫކުރާނެ ކަމަށާ މިއަހަރު އިސްކަން ދޭނީ ދަނޑުވެރިކަމާއި މަސްވެރިން އަދި ފަތުރުވެރިކަމަށެވެ.

މި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުވައްމުލަކަށް ހާއްސަކޮށް ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ. އެ ސިޓީގައި ސްޕޯޓް ކޮންމްޕެލްކްސްއެއް ތަރައްގީ ކުރުމާއި ފަސޭހައިން މަސް ކިރުވޭނެ ގޮތްތަކެއް ހަމަޖެއްސުން އަދި ތައުލީމީ ދާއިރާއަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވިއެވެ. އަދި މަސައްކަތްތައް ފެށޭނެ ބައެއް ތާރީހުތައް ރައީސް ވަނީ ދެއްވާފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި ވަޒީރުންވެސް ވަނީ ފުވައްމުލަކު ސިޓީއަށް ހާއްސަ ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެވެ.