ރައްޔިތުންގެ މަޖިލިސް

އަންނަ ހަފްތާގައި ރިޔާސީ ބަޔާނަށް ޖަވާބު ދެނީ

މިއަހަރަށް މަޖިލިސް ފެއްޓުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމްއިން އަންނަ ހަފްތާގައި ޖަވާބު ދޭނެ ކަަމަށް އެ ޕާޓީއިން ބުނެފި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގައި ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެހެންކަމުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލީމް އަންނަ ހަފްތާގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނެ ކަަމަށެެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގްކުރައްވައި ޝަރީފް އިތުރަށް ވިދާޅުވީ ރިޔާސީ ބަޔާނަށް ދޭ ޖަވާބުގައި ސަރުކާރުން އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމަށް ބެލެވޭ ކަންކަންތައްތަަކަށް ސަރުކާރުން ޖަވާބުދާރީވާނެ ކަަމަށްވެސް އުއްމީދު ކުރައްވާ ކަަމަށެވެ.

ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ސަލީމް މީގެ ކުރިން ވިދާޅުވީ މިފަހަރުގެ ރިޔާސީ ބަޔާނުގައި ނިމިގެން ދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންތައްތައް ހުރި ކަމަށާއި އަދި އޭގައި ދޮގު މައުލޫމާތުތައްވެސް ހިމަނާފައިވާ ކަމަށެވެ. އަދި އޭގައި އާ ވާހަކަތަކެއް ނެތް ކަަމަށް ވިދާޅުވި އެވެ.