ވިޔަފާރި

ބީއެމްއެލްގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން ލޯފަން މީހުނަށް

Oct 29, 2015

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯފަން ފަރާތްތަކަށް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ޚިދުމަތް ދޭން ފަށައިފިއެވެ

މި ޚިދުމަތް ދޭންފެށުމާއެކު ބޭންކިން ޚިދުމަތް ހޯދުމަށް ބޭންކުގެ ބްރާންޗަކަށް ދިއުމުގެ ބަދަލުގައި ލޯފަން ފަރާތްތަކަށް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިން މެދުވެރިކޮށް ބޭނުން ވަގުތަކު ބޭންކުގެ ޚިިދުމަތްތައް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ރީޓޭލް ބޭންކިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުންނާއި ބޭންކުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅަށް ފޯރުކޮށްދިމުގެ ގޮތުން ގިނަ އިންވެސްމަންޓްތަކެއް ވަނީ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖްތަމަޢުގެ މުހިއްމު ބަޔަކަށް އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ޚިދުމަތް މިއަދު ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިހާރު ކޮންމެ ތަނެއްގައި ހުންނަވައިގެންވެސް، ބޭނުން ވަގުތަކު ބޭންކުގެ ޚިދުމަތްތައް އެފަރާތްތަކަށް ލިބިގެންދާނެ."

ލޯފަން ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދެނީ އެ ފަރާތާ، އެ ފަރާތުން ކަނޑައަޅާ ބެލެނިވެރިޔަކާއި ބޭންކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި ދިޔަ އަހަރުން ފެށިގެން ބޭންކުން އަންނަނީ މި ފަދަ އެއްބަސްވުމެއްގެ ދަށުން ލޯފަން ފަރާތްތަކަށް ޑެބިޓް ކާޑު ދޫކުރަމުންނެވެ.