ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގައި ޑަކްޓް ނެޓްވޯކް އަޅައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ޑަކްޓް ނެޓްވޯކް އަޅައި ނިމިފައިވާ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓްތަކުގައި ޓެލެކޮމިއުނިކޭޝަންގެ ހިތުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރަން ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ މަސައްކަތުގެ ތެރެއިން ޑަކްޓް ނެޓްވޯކް އެޅުމާއި، މި ހިދުމަތް ފޯރުކޮށްދިނުމަށް ފްލެޓްތަކުގެ އެތެރޭގައި އަޅަންޖެހޭ ވަޔަރިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.

އެޗްޑީސީން ބުނީ އޯޕަން އެކްސެސް ނެޓްވޯކްގެ ބިޒްނަސް މޮޑެލްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުއާސަލާތީ ގޮތުން ގުޅާލެވިގެން ދާނެ ކަމަށެވެ.

އެޗްޑީސީން ގާއިމުކުރާ މި ނެޓްވޯކަކީ ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާސަލާތީ ހިދުމަތް ދެއްވާ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.