ދިވެހި މީޑިއާ

ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ ހިމޭން އިހުތިޖާޖެއް

އެއްވުންތަކާއި މުޒާހަރާތައް އަދި އެހެނިހެން އިވެންތައް ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ގޮވާލާ ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކޮށްފައިވަނީ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މަގުމަތީ ހަރަކާތް ކަވަރުކުރަން އުޅުނު ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވުމާއި އެ ހަރަކާތް ނިމުނު ފަހުން ކެފޭއެއްގައި އެ ސްޓޭޝަންގެ ނޫސްވެރިން ކޮފީބޯން ތިއްބާ ތިން ފުލުހަކު ވަދެ ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެންނެވެ.

އެ ނޫސްވެރިޔާއަށް އަނިޔާވާ ގޮތަށް ގަދަކަމުން ކެފޭން ނެރެން މަސައްކަތް ކުރާ ވީޑިއޯއެއްވެސް ތޭރައިން ވަނީ އާންމުކޮށްފައެވެ.

އެކި މީޑިއާތަކަށް ނިސްބަތްވާ ނޫސްވެރިން ބައިވެރިވި ހިމޭން އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ހިންގާ ބިއްލޫރިޖެހިގެ ކުރިމަތީ ތިބެގެންނެވެ. މަޖީދީ މަގުގެ ދެ ފަރާތުގެ ޕޭމަންޓްގައި ތިބެ ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ނޫސްވެރިންނާއި މީޑިއާތަކަށް ރައްކާތެރިކަން ދިނުމަށް އެދި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ވަނީ ބޭނުންކޮށްފައެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް މީޑިއާ ކައުންސިލްގެ ރައީސް އާއި ބްރޯޑްކޮމްގެ ރައީސް ވަނީ އިހުތިޖާޖު ހިނގަމުންދިޔަ ވަގުތު އެ ސަރަހައްދަށް ވަޑައިގެންފައެވެ.

ނޫސްވެރިޔާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާއި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ބައެއް މީހުން އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވަނުމުން އެ މީހުން ނެރެން ފުލުހުން އެ ކެފޭއަށް ވަން ކަމަށެވެ.

އެތަނުން ނެރެން މަސައްކަތް ކުރުމުން ނޫސްވެރިޔާ ހިމެނޭހެން ހަމަނުޖެހުން ހިންގާ އެ ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ނޫސްވެރިއެއްކަން އެނގުނީ ކެފޭއިން ނެރުނު ފަހުން ކަމަށާ އެކަން އެނގުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސް ނޭޅުމަށް މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ގޮވާލާފައެވެ.

އެ ޖަމިއްޔާއިން ބުނީ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނެލް13ގެ ނޫސްވެރިޔެއް ކަމަށްވާ މުހައްމަދު ޝަހީމަށް މުޒާހަރާ ކަވަރުކުރުމަށް ހުރަސްއަޅައި އަދި ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން މުޒާހަރާ ހިނގަމުން ދިޔަ ވަގުތު "ލެސޫކް ރެސްޓޯރެންޓް" ތެރެއަށް ފުލުހުން ވަދެ ދެ ނޫސްވެރިޔަކު އެތަނުން ގަދަކަމުން ނެރެ އެމީހުންނަށް އަނިޔާކޮށްފައިވާ ކަން ވެސް އެޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. އެމީހުން އެވަގުތު ތިބީ ނޫސްވެރިންކަމުގެ ފާސް ވެސް އަޅައިގެންނެވެ.

ވަކި މީޑިއާތަކަކަށް އަމާޒުކޮށް، އެމީޑިއާތަކުގެ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި އަނިޔާކޮށްފައިވާތީ އެޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން، މުޒާހަރާތައް ކަވަރުކުރުމަށް ހުރިހާ މީޑިއާތަކުގެ ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ އެޖަމިއްޔާއިން އެދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.