އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންއަށް ޑރ. ޒާހިރު އައްޔަނުކުރައްވައިފި

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ޒާހިރުއަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ.

ޒާހިރު އެ މަގާމަށް އައްޔަނުކުރައްވަން ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. މަޖިލީހުން އޭނާއަށް ރުހުން ދިނީ މިިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޒާހިރަކީ ބެންކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެންއައިޑީއޭ) އިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލްކުރައްވާފައި ވެއެވެ.

އޭގެ އިތުރުން އޭނާ ވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސާއެއްގެ މަގާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.