ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމުން ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ޓެލެކްލާސް" ޕްރޮގްރާމްއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.
ޓެލެކްލާސްއަށް ލިބުނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ "ވެންހުއި އެވޯޑް ފޯ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020" ގެ އެވޯޑެވެ. މިއީ މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިޔުކޭޝަނަލް އިނޮވޭޝަން ފޯ ޑިވެލޮޕްމެންޓާއި، ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯ ޔުނެސްކޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތަޢުއުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އެ އެވޯޑާއެކު ރާއްޖެއަށް ވަނީ 20 ހާސް އެމެރިކާ ޑޮލަރު އިނާމެއްގެ ގޮތުގައި ލިބިފަ އެވެެ.
ކޯވިޑާ ގުޅިގެން ޓެލެކްލާސްތައް ފެށި މިދިޔަ އަހަރު މާޗް 15 ގައެވެ. އެ ކްލާސްތައް ގެނެސްދިނުމުގައި ޕީއެސްއެމްގެ މުންނާރު ޗެނަލާއި ޔެސްޓީވީ އާއި ދިވެހި ޗެނަލް ފަދަ ޗެނަލްތައް ބޭނުންކުރި އެވެ.