ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާގެ ފޮރިން މިނިސްޓަރާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިގެންދިޔުމަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަން ފާހަގަކުރައްވާ އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ގާއިމުކޮށްފައިވާ "އެއާ ބަބްލް"ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ، އެ މަނިކުފާނުގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުން މުރާޖައާކުރުމާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ބިނާކުރުމާ ގުޅޭ އެއްބަސްވުމާއި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބްރޯކްޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމާއި އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާ ގުޅޭ އެއްބަސްވުމުގެ އިތުރުން ދިފާއީ ދާއިރާގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.