ކާނާ

ރެސިޕީ: ސްޓްރޯބެރީ ކްރީމް ކޭކް

Oct 30, 2015

ތަފާތު އެކި ފޮނި ކާއެއްޗިއްސަށް ގިނަ މީހުން ލޯބިކުރެ އެވެ. އެގޮތުން ފޮނި އެއްޗެއްގެ ގޮތުގައި ގިނަމީހުން ކޭކު ކާން މާ ގަޔައެއް ނުވެ އެވެ. ނަމަވެސް ކޭކަކީ ވެސް ތަފާތު ރަހަތައް ހިމަނައިިގެން އަޅާލެވިއްޖެނަމަ މީރު އެއްޗެކެވެ.

އެގޮތުން މިއަދު މިގެނެސްދެނީ ސްޓެރޯބެރީގެ މީރު ރަހަ ހިމަނާލައިގެން ތައްޔާރުކޮށްލަން ފަސޭހަ ކޭކެއްގެ ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި:

1/2 ޖޯޑު އަންސޯލްޓެޑް ބަޓަރު
1 1/2 ޖޯޑު ފުށް
2 ސައިސަމުސާ ސަމުސާ ބޭކިން ޕައުޑަރު
1/2 ސައިސަމުސާ ސަމުސާ ލޮނު
1 ޖޯޑު ހަކުރު
2 ބިސް
2 ބިހުގެ ގޮބޮޅި
1/2 ސައިސަމުސާ ސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑު ފުލް ކްރީމް މިލްކް
1 ޖޯޑު ސްޓްރޯބެރީ ތުނިކޮށް ކޮށާފައި
1 ސައިސަމުސާ އަން ފްލޭވާޑް ގެލެޓިން
1/2 ޖޯޑު ވިޕިން ކްރީމް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަވަން ހޫނު ކުރުމަށް 350 ޑިގްރީގައި ދޮން ބަހައްޓާށެވެ. އެއަށްފަހު ކޭކުފިހަން ބޭނުންކުރާ ޓްރޭގައި ބަޓަރުކޮޅެއް އުނގުޅައި، ޓްރޭގައި އަޅަން ބޭނުންކުރާ ޕާޗްމަންޓް ޕޭޕާގެ ދެފުށުގައިވެސް ބަޓަރު އުނގުޅައި، ކުޑަ ފުށްކޮޅެއް ބުރުވާލާށެވެ.

އެއަށްފަހު ބޯތަށްޓަކަށް ފުށާއި ބޭކިން ޕައުޑަރު އަދި ލޮނުކޮޅު އެޅުމަށްފަހު އެއްކޮށްފައި ބަހައްޓާށެވެ. ދެން އިތުރު ބޯތަށްޓަކަށް ބަޓަރާއި 1/2 ޖޯޑު ހަކުރު އަޅައި މަޑު ރީނދޫ ކުލައަކަށް އަރައި، ކްރީމް ގަނޑެއްހެން ވަންދެން މިކްސް ކުރާށެވެ. އެއަށްފަހު އޭގެތެރެއަށް ބިހާއި ވަކިން ނަގާފައިވާ ބިހުގެ ގޮބޮޅި ވަކި ވަކިން އެއްކުރަމުން ކުރިންވެސް މިކްސް ކުރަމުން ދިޔަ ގޮތަށް މިކްސް ކުރާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވުމުން އޭގެތެރެއަށްވެނީލާ އެސެސް އަޅައި އެއްކޮށްލާށެވެ. ހޭންޑް މިކްސަރުގެ ސްޕީޑް އެންމެ މަޑުކުރުމަށް މަދު އެތިކޮޅު ކޮޅުން ފުށާއި ކިރު އަޅައި ގިރަމުން ގެންދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުން މިހާރު ފުށްގަނޑު ތައްޔާރު ކުރެވުނީ އެވެ.

ދެން ކުރިން ތައްޔާރުކުރި ކޭކް ފިހާ ޓްރޭއަށް ތައްޔާރުކުރި ފުށްގަނޑު އަޅައި، އަވަނުގެ ދޮން 175 ޑިގްރީއަށް ބަދަލުކޮށް 30-35 މިނިޓް ވަންދެން ފިހަން އަވަނަށް ލާށެވެ. ކޭކް ރަނގަޅަށް ފިހެވުމުން ފިނިކުރަން އަވަނުން ނަގާފައި ބެހެއްޓުމަށްފަހު، ކޭކު ޓޮޕިން ތައްޔާރުކުރަން ފަށާށެވެ.

ޓޮޕިން ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ބޯތަށްޓަކަށް 1/4 ޖޯޑު ހަކުރު އަޅައި އޭގެތެރެއަށް ފޮތިކޮށްފައިވާ ސްޓްރޯބަރީ އަޅައި ރީތިކޮށް އެއްކޮށްލާށެވެ. އެއަށްފަހު 2 މޭޒުމަތީ ސަމުސާ ފިނިފެން ތަވަޔަކަށް އަޅައި، އޭގެތެރެއަށް ގެލެޓިން އަޅާފައި ފަސް މިނިޓް ވަންދެން ބެހެއްޓުމަށްފަހު، މަޑުގިނީ ޖެލެޓިންކޮޅު ރަނގަޅަށް ގިރާލެވެންދެން ސަމުސަލަކުން ހަލުވަމުން ދާށެވެ. ރަނގަޅަށް ގިރާލެވުމުން އުނދުން މަތިން ބޭލުމަށްފަހު ފިނިކުރަން ބަހައްޓާށެވެ.

ކޭކުގެ ޓޮޕިންގަނޑަށް ބޭނުންވާ ކްރީމް ގަނޑުތައްޔާރުކުރުމަށް އެންމެ ފުރަތަމަ ބޯތަށްޓަކަށް ވިޕިން ކްރީމް އާއި ބާކީ ހުރި 1/4 ޖޯޑުގެ ހަކުރު އަޅައި ހޭންޑް މިކްސާ އަކުން ވިޕްކުރާށެވެ. ވިޕްކުރަމުންދާ ވަރަކަށް ފޯމްގަނޑެއްހެން ކްރީމް ގަނޑު ބަދަލުވާން ފެށުމުން ހިހޫ ކުރަން ބެހެއްޓި ޖެލެޓިންގެ މަދު އެތި ކޮޅުކޮޅުން އަޅަމުން ވިޕްކުރަމުންދާށެވެ. ކްރީމްގަނޑު ވިޕްކޮށް ނިމުމުން، ކޭކް ޑެކްރޭޓްކުރަންވީ އެވެ.

ކޭކް ޑެކަރޭޓްކުރުމުގެ ކުރިން ކޭކް އަޅަން ބޭނުންވާ ތަށީގެ އަޑީގައި ކުރިން ހަކުރާއި އެއްކޮށްފައި ބެހެއްޓި ސްޓްރޯބެރީގެ ތެރެއިން އެއްބައި އަތުރާލާށެވެ. އެއަށްފަހު އޭގެ މަތީގައި ވިޕިން ކްރީމް ލޭޔާއެއް ފަތުރާލުމަށްފަހު ކޭކު ބާއްވާށެވެ. ދެން ބާކީ ހުރި ވިޕިންކްރީމް ކޭކްގެ މަތީގައި ހާކާލުމަށްފަހު، ބާކީ ހުރި ސްޓްރޯބެރީތައް މަތީގައި އަތުރާލާށެވެ.

މިހާރު ސްޓްރޯބެރީ ކްރީމް ކޭކް މިއިނީ ތައްޔާރު ކުރެވިފަ އެވެ. ނަމަވެސް ކެއުމުގެ ކުރިން ގަޑިއެއްހާއިރު ފިނިކުރުމަށް އައިސްއަލަމާރިއަށްލާފައި ބަހައްޓާށެވެ.