ހަބަރު

ޑިޕޮސިޓްގެ ގޮތުގައި ފައިސާ ބެހެއްޓުމަށް ފަހު ނޫނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭ ގޮތަށް ހަދައިފި

Feb 4, 2015

އެ މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން ފަސް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް އުމްރާގެ ހުއްދަ ދެވޭ މުއްދަތަށް ބެހެއްޓުމުގެ އިތުރުން އެ ފަރާތަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު އަދި އުމްރާގެ ކަންކަމުގައި ބެލެހެއްޓުގެ އެންމެ އިސްވެރިޔާގެ ކުށުގެ ރެކޯޑް ނެތުމުގެ އިތުރުން ހައްޖު ނުވަތަ އުމްރާގެ ފައިސާގެ ކަންކަން މެނޭޖް ނުކުރެވުމުގެ ރެކޯޑް އޮތް ފަރާތަކަށް ވެސް ވެގެން ނުވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ 2012 ގައި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕުން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ނުގެންގޮސްދިން މައްސަލަ ފެންމަތިވެފައި ވަނިކޮށް މިއަހަރު ފަތުހު ޖަމާއަތުން ވެސް ވަނީ އެގޮތަށް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ހައްޖަށް ނުގެންގޮސްދެވޭނެ ކަމަށް އެންމެ ފަހު ވަގުތު ބުނެފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރުން ވަނީ ޑިޕޮޒިޓް ފައިސާ ބަހައްޓައިގެން ނޫނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭ ގޮތަށް ހަމަޖައްސާނެ ކަމަށް ކުރިން ވެސް އިއުލާންކޮށްފަ އެވެ. އަދި އަމިއްލަ ޖަމާއަތްތަކަށް ދޫކުރާ ކޯޓާތަކުގެ އަދަދު މަދު ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލައިގައި މަލީޝާގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ޝަރީއަތް ހިންގަމުންދާއިރު ފަތުހު ޖަމާއަތުގެ ވެރިޔާ މުހައްމަދު މުސްތަފާގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލަތަކާ އެކު އެކި ފަރާތްތަކުން ދަނީ، ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގައި މިހާރަށް ވުރެ ހަރުދަނާ އަދި ހަރުކަށި އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށް ބުނަމުންނެވެ.