ކުނި މެނޭޖް ކުރުން

އިތުރު ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އަޅަނީ

ކައުންސިލްތަކާ ގުޅިގެން ހަތަރު ރަށެއްގައި ކުނި މެނޭޖުކުރަން މަރުކަޒުތަކެއް އަޅަން އެންވަޔަރަަމަންޓް މިނިސްޓްރީއާއި ކައުންސިލްތަކާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

ކައުންސިލްތަކާ ގުޅިގެން 10 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް މިދިޔަ ހަފްތާވެސް ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

ޒޯން އެކެއްގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން މިއަދު ސޮއިކުރީ ހއ. ފިއްލަދޫ، ހއ. ބާރަށް، ށ. ކޮމަންޑޫ އަދި ށ. ފުނަދޫ ކައުންސިލާ އެކުއެވެ.

މިއީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ މަޝްރޫއުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ހަވާލުކުރި މަސައްކަތެކެވެ.

މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 3.5 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުތަކުގެ އެއްމެހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ. އޭގެ ތެރޭގައި އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރ އައްޔަންކުރުމާއި އެފަރާތާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި އަދި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުވަތަ އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްލޭން (އީއެމްޕީ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުސޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށުކައުންސިލަކުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫއު ކުރިއަށްދާގޮތް ބަލާ މޮނީޓާ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުސޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުމެވެ. ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ރަށު ކައުންސިލްގެ ޒިންމާއެކެވެ.

ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށްނިމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފަރ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.