ހިޔާ މަޝްރޫއު

އެއް ކޮޓަރީގެ ފްލެޓްތަަކަށް ހެދި ގޮތް ސާފުކުރަން މައްސަލައެއް

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޅި އެއް ކޮޓަރީގެ ފްލެޓްތަކަަށް މި ސަރުކާރުން ކަން ކުރިގޮތުގެ ތަފްސީލް ހާމަ ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލައާ ބެހޭގޮތުން ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި 43 މެމްބަރަކު ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ކުންފުނިތަކުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި އަޅާ އެއް ކޮޓަރީގެ ފްލެޓްތައް އެޗްޑީީސީއާ ހަވާލުކުރާ ގޮތަށް ކުރިން އޮތް ނަމަވެސް އެ ފްލެޓްތައް ވުޖޫދުގައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ފްލެޓްތައް ނިންމީ ހަމައެކަނި އެމްޑަބްލިއުއެސްސީން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެކަށީގެންވާ އަދަދަށް ފްލެޓްތައް ނެތް ކަމަށް ބުނެ އެއް ކޮޓަރީގެ ފްލެޓްތައް ނުދޭން މިހާރު ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަސްލަމަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ މިހާރު ވެސް 12 ޓަވަރު ފެންނަން އެބަހުރި ކަމަށާއި އެތަނުގައި 900 އަށްވުރެ ގިނަ ފްލެޓްތައް ހުންނާނެ ކަމަށެވެ. ވުޖޫދުގައި ވެސް ފްލެޓްތައް ނެތް ކަމަށް ބުނަމުން ދަނީ އެ ފްލެޓްތައް ފަހި ދިރިއުޅުން ކޯޕަރޭޝަންއަށް ބޮޑު އަގުގައި ވިއްކަމުންދާތީ އެކަން ފޮރުވުމަަށް ކަމަށް ޝިޔާމް ތުހުމަތު ކުރައްވަ އެވެ.

އެހެން ކަމުން އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށް ދޭން މިއަދު ޝިޔާމް ހުށަހެޅުއްވި އެވެ.