އިމާރާތް ކުރުން

ކޮންސްޓްރަކްޝަން ކުނި ނައްތާލާނެ މެޝިނެއް ހޯދަނީ

Feb 25, 2021
1

އިމާރާތް ކުރުމުގެ ދާއިރާގައި ޖަމާވާ ކުނި ނައްތާލަން ހާއްސަ މެޝިނެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓަކީ އިމާރާތް ކުރުމުގެ ދާއިރާގައި ޖަމާވާ ކުނި ކުދިކުދި ކޮށްލައި އެ ނައްތާލާ މެޝިނެވެ.

މި މެޝިން ހޯދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއަކީ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް (ފޭސް1)ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅޭނީ އޭޑީބީ މެންބަރު ގައުމުތަކުގެ ކުންފުނިތަކަށް ކަމަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ފާއިތުވި ތިން އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް ހަތަރު މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކުންފުނި ތަކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި މިބާވަތުގެ ދެ މަސައްކަތްކޮށްފައިވުމުގެ އިތުރުން ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 1.6 މިލިއަން އެމެރިކާ ޑޮލަރު ކަމުގވައިވާ ނަމަ އެވެ.

ފިނޭންސުން ބުނީ މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1،500ރ. ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށެވެ. އަދި މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20،000 ޑޮލަރު ބަހައްޓަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 178 ދުވަހެވެ.