ވިޔަފާރި

ސަންކެން ކުންފުނިން ދޮގުކޮށްފި

Mar 4, 2021

ގާނޫނަށް ބަދަލު ގެނެސްގެން ބޭރުގެ ކުންފުނިތަކަށް ޓެކްސް ދެއްކުމަށް ބޮޑު ލުޔެއް ހޯދަން އުޅޭކަމުގެ ތުހުމަތު ސަންކެން އޯވަސިސް ކުންފުނިން ދޮގު ކޮށްފި އެވެ.

ރާއްޖޭގައި އިންކަމް ޓެކްސް ގާނޫނުގެ ވިތުހޯލްޑިން ޓެކްސްއާ ގުޅޭ މާއްދާއަކަށް ގެންނަ ބަދަލަކާއި ގުޅިގެން ސްރީލަންކާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސަންކެން އޯވަސީސް އަށް ބޮޑު މަންފާއެއް ކުރާނެ ކަމަށް ބުނެ އަވަސް އިން ލިޔުނު ރިޕޯޓުގައި ވަނީ ދޮގު މައުލޫމާތު ތަކެއް ކަމަށެވެ.

ސަންކެން އިން ބުނީ ރާއްޖޭގައި ބޭރުގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރާ އެންމެ ގިނަ ދުވަސްވީ ކުންފުނި ކަމަށް އެކުންފުނިން ބުންޏެވެ. އެ މީހުން ރާއްޖޭގައި މަސައްކަތް ކުރާތާ 30 އަހަރު ވެއްޖެ ކަމަށާއި، މި މުއްދަތުގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަން އެތައް މަސައްކަތެއް ކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ލަންކާގެ ބޭންކުގެ އެހީގައި ރާއްޖޭގެ ރިސޯޓު ތަކަށް 250 މިލިއަން ޑޮލަރު އިންވެސްޓް ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

މިކަމުން ވެސް އަންގައިދެނީ އެ މީހުންނަށް ކޮންސްޓްރަކްޝަން މަޝްރޫއުތަކުން ލިބޭ އާމްދަނިއަށްވުރެ ގިނައިން ރާއްޖެއަށް އިންވެސްޓް ކުރާ ކަމަށާއި ރާއްޖޭގެ އިގްތިސޯދު ކުރިއެރުމުގައި އިތުބާރު ހިފޭ ހަރުފަތެއްގައި އެކުންފުނި ވާ ކަމަށެވެ.

ލަންކާ އަދި ޖަޕާނު ސަރުކާރުގެ އެހީގައި "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ސަންކެން އިން ކުރިއަށްގެންދާ ރިސޯޓު މަޝްރޫއުތަކުގައި މަދު ވެގެން 650 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ވެސް ލިބިގެންދާ ކަމަށް ބުންޏެވެ.

އެ ކުންފުނިން އަބަދު ވެސް މަސައްކަތްކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށް ފާހަގަކޮށް ސަންކެން އިން ބުނީ އެއީ ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ ކުންފުނިތަކުގެ ތެރޭގައި އެކުންފުނި ހިމެނޭނެ ކަމަށެވެ. އަދި ޓެކްސް ނުދައްކައިގެން މިހާތަނަށް އެއްވެސް މައްސަލައެއް ޓެކްސް އެޕީލް ޓްރިބިއުނަލް ކޯޓު ފަދަ ތަނަކަށް ހުށަހަޅާފައި ނުވާ ކަމަށާއި އެމްއެމްއޭ އިން ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. މިކަމުން ވެސް ކުންފުނިން ކޮންމެ އަހަރަކު ޓެކްސް ދައްކާކަން ޔަގީންވާ ކަމަށް އެކުންފުނިން ފާހަގަކުރި އެވެ.