އެންޑީއޭ

ހަނިމާދޫ ރިހެބުގައި ހުރި މީހަކު މަރުވެއްޖެ

ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން އައި މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެންޑީއޭގެ ބެލުމުގެ ދަށުން ހަނިމާދޫގައި ހިންގާ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެންޑީއޭ އިން ބުނީ މަރުގެ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މިހާރު އެކަންކަން ބަލަމުން ގެންދާ ކަމަށެވެ. އެމީހާ މަރުވީ ކޮން ސަބަބަކާހުރެ ކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޑުރަގުގެ ވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާދީ އަނބުރާ މުޖުތަމައަށް ގެނައުމަށް ގާއިމުކޮށްފައިވާ އެފަދަ ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި މަރުގެ މި މައްސަލަ ދިމާވި އިރު އެންޑީއޭ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި އޮންނަތާ ވެސް ދުވަތަކެއް ވެފައި ވެއެވެ.

މީގެ ގެ ކުރީން ރައްޔިތުންގެ މަޖިލހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެންޑީއޭއަށް އިސްލާހުތައް ގެންނަން ޖެހިފައި ވެއެވެ. އެއީ ޝައްކެއް ވެސް ހިނގާ ކަމެއް ނޫނެވެ. އެ މަސައްކަތް ލަސްވަމުން ދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ސިފަ ކުރައްވާފަ އެވެ.