ވިޔަފާރި

ދިވެހި ކުންފުނިތަކަށް މޮރިޝަސް ކެޕިޓަލް މާކެޓުން ފައިސާ ހޯދަނީ

  • ބޮޑެތޮ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދަން މަގުފަހިވާނެ
  • ރާއްޖޭގެ ކުންފުނިތަކަށް މޮރީޝިއަސް އިން ޝައުގުވެރިވޭ
  • ރާއްޖޭގައި މިހާރު ލިސްޓްކޮށްފައި ވަނީ ހަ ކުންފުންޏެއް

ރާއްޖޭގައި ލިސްޓްކޮށްފައިވާ ކުންފުނިތަކަށް ބޭނުންވާ ފައިސާ ސްޓޮކް އެކްސްޗޭންޖް އޮފް މޮރީޝަސް (ސެމް) މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ރާއްޖޭން ފަށައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަމުން، ރާއްޖޭގެ ސްޓޮކް އެކްސްޗޭޖް (އެމްއެސްއީ) ގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ މޯލްޑިވްސް ސްޓޮކް އެކްޗޭންޖާ މޮރިޝަސްއާ ދެމެދު ކްރޮސް ބޯޑާ ލިސްޓިން އަށް މަގު ފަހިކުރުމުގެ މަގުސަދުގައި ހަދާފައިވާ އެމްއޯޔޫގެ ދަށުން، ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގެ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތައް ރާއްޖޭގައި އެބަހުރި. އެ ކުންފުނިތަކަށް ރާއްޖޭން ހަމައެކަނި ފައިސާ ލިބުމުގެ ބަދަލުގައި ސެމްގައި ރަޖިސްޓްރީކޮށްގެން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން މީގެ މަގުސަދަކީ،" ހަސަން ވިދާޅުވި އެވެ.

ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ހަ ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެ ކުންފުނިތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުރުން އެސްޓީއޯ އާއި މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަދި އަމާނާ ތަކަފުލްގެ އިތުރުން ދިރާގު އެވެ.

ސީއީއޯ ހަސަން ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކާ މެދު މޮރިޝަސްއިން ބޮޑު ޝައުގުވެރިކަމެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އެކޮޅަށް ގޮސް ބޭއްވި ބައްދަލުވުމުގައި އެމްޓީސީސީ ވެސް ބައިވެރިވި. އެ ބޭފުޅުން ވިދާޅުވެފައި އޮތީ ރާއްޖޭގެ ކުންފުނިތަކުގައި ޕޮޓެންޝަލް ހުރިކަމަށް،" ހަސަން ވިދާޅުވި އެވެ.

"ކްރޮސް ބޯޑާ ލިސްޓިން" އުސޫލުން ދިވެހި ކުންފުނިތަކަށް މޮރިޝަސްގައި ހުރި ފުރުސަތުތައް އަންގައިދިނުމުގެ ގޮތުން ސެމްގެ ފަރާތުން ރާއްޖެ އައިސް ސެމިނާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގެ ވިޔަފާރިވެރިންނާއެކު ބާއްވާ މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ސްޓޮކް އެކްސްޗޭންޖް އޮފް މޮރީޝަސްގެ ޗީފް އެގްޒެކެޓިވް މރ.ސުނިލް ބެނިމަދުގެ އިތުރުން ސެންޓްރަލް ޑިޕޮސިޓަރީގެ ޗީފް އެގްޒެކަޓިވް މރ.ވިޕިން މަހަބިރްސިން އެވެ.