ފައްޔާޒް އިސްމާއީލް

ސައިންސް މިނިސްޓްރީގެ ހިންގުން ފައްޔާޒަށް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރު އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ފާސްކުރައްވާފައިވާތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން އެ މަގާމުން މުހައްމަދު މަލީހް ޖަމާލް މިއަދު ވަކިފެފައިވާތީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލްއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރެވެ. އަދި ރައީސް ސޯލިހުގެ ވަރަށް ބޮޑު އިތުބާރެއް އޮތް ބޭފުޅެއްވެސް މެއެވެ.

މަލީހު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަގާމުން ދުރު ކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ ސާފު މެޖޯރިޓީގެ 59 މެންބަރަކު ވޯޓް ދެއްވި އެވެ. މަލީހް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ. މިއީ މި ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ނެގި މި ފަދަ ފުރަތަމަ ވޯޓެވެ.

ރައީސް ސޯލިހުގެ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ނިސްބަތްވެ ވަޑައިގަންނަވާ އަދި އެ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގަން ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައިނުވުން ފަދަ މައްސަތަކެއް އޭނާގެ އިސްތަށިފުޅުގައި އެޅުވުމަށް ފަހު އެވެ.

އިތުބާރު ނެތް ކަމަށް ބުނެ މަޖީލީހުގައި އޮތް އެމްޑީޕީގެ ސާފު މެޖޯރިޓީން ކުރި ތުހުުމަތުތައް ދޮގު ކުރައްވައި މަލީހު މިއަދު ވަނީ މަޖިލީހުގައި ވަރުގަދައަށް ޖަވާބުދާރީވެ ވަޑައިގެންފަ އެވެ. އޭނާ ވަނީ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތާ ޗެލެންޖް ކުރައްވާ އޭނާއަށް އަދަބު ދެއްވަނީ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށާއި ހުދުމުހުތާރު ކަމާއެކު އޭނާ އަށް އަދަބު ދެއްވަނީ ގާނޫނު އަސާސީގެ "މާއްދާ 27" ގެ ބޭނުން އޭނާ ހިއްޕަވާތީ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު މަލީހް ވަނީ ޖާބުދާރީވެ ވަޑައިގަތުމަށް ތިން ފުރުސަތެއްގެ މަތީން އޭނައަށް ދެއްވި 30 މިނެޓްގެ ތެރޭގައި ގިނަ ވާހަކަތަކެއް ދައްކަވައި ތުހުމަތުތަކުން ބަރީއަވެ ވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ދެންނެވި އެވެ. މިއީ އިތުބާރު ނެތް ކަމުގެ ވޯޓެއްގައި ޖަވާބުދާރީވާން ވަޒީރަކު މިހާ ވަރުގަދައަށް ވާހަކަފުޅު ދެއްވި ފުރަތަމަ ފަހަރަށް ވެސް ވެގެން ގޮސްފައި ވެއެވެ.

މަލީހު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކާ ގުޅުވައި އެކަމާ ޒާތީ ވެެގެން ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ނަގައިގެން އުޅޭ މައްސަލައަކީ ވެސް އެއީ ކަމަށެވެ.

އަދި ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މިނިސްޓަރު މަގާމު ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ. ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އޭނާ އެލުވިޔަސް މާއްދާ 27 ގެ ބޭނުން ހިއްޕަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފަހަތަކަށް ނުޖެހޭނެ، ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިފާނަން" މަލީހު ވިދާޅުވި އެވެ.