މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމް އަށް ފަޒީން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުގެ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 55 މެމްބަރަކު ފަޒީން އައްޔަނުކުރަން ވޯޓު ދެއްވި އެވެ.

ބްރޯޑް ކޮމްއަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ލިސްޓުގެ ކުރީގައިވެސް އޮތީ ފަޒީން އެވެ. ފަޒީންގެ ފަހަތުން ދެން ލިސްޓުގެ އެންމެ ކުރީގައި އޮތީ ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާއެވެ.

ފަޒީންގެ ނަން ފާސްވުމުން ޝިފްޒާގެ ނަމަށް ވޯޓަކަށް ނާހަ އެވެ.

ބްރޯޑްކަމުގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުރި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުގައި މަޝްވަރާކުރަމުން ދަނިކޮށެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގައި މިހާރު ތިއްބެވީ ހަ މެމްބަރުން ނެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.