މޯލްޑިވް ގޭސް

ބާ ސިލިންޑަރު ގެނައި މައްސަލާގައި ހާލަތަށް ބަލަން އެދެފި

މޯލްޑިވް ގޭހުން ބާ ސިލިންޑަރުތަކެއް ގެނައި މައްސަލާގައި ހާލަތަށް ރިއާޔަތް ކުރަން އެ މައްސަލަ ބަލަމުންދާ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް އެދިވަޑައިގެންފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭހުން ގެނައުމުގައި 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ މިހާރު ހުންނެވީ ސަސްޕެންޑް ކޮށްފަ އެވެ.

އިއްޔެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ވިދާޅުވީ ރާއްޖެއަކީ އެއްކޮށްހެން އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވެފައި ކޮވިޑްގެ ހާލަތުގައި ފުރާނައަަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތް ކުރުމަކީ އެންމެ ބޮޑަށް ކުރަންޖެހޭ ކަންކަން ކަމަށެވެ.

"ގޭސް ސިލިންޑަރުގެ ވާހަކައަށް ބަލާލާއިރު ރިޕޯޓުން އެބަ އެނގޭ މީގެ އާޖަންސީ. އަވަހަށް ގެންނަން މުހިންމުވެފަ އޮތް ވަރު ގިނަ ޕޭޖްތަކުގައި އެބަ އޮތް ލިޔެފަ. ދެން ބާ ސިލިންޑަރު ފޮނުވި ބޭފުޅުން އެބަ ވިދާޅުވޭ މީގެ ވޭލްތައް ބަދަލުކޮށްފަ އޭގެ ގެރެންޓީ ވެސް ދީފަ އެބައޮތް މެއިލްތަކުގަ އެބައޮތް. މިތަނަށް އައިސް އަޅުގަނޑަކަށް ނޭނގެ ޓެސްޓު ކުރުމުގެ ކަންތައް އޮންނަ ގޮތެއް." ގާސިމް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ތެރެއިން ގެނައި ސިލިންޑަރުތަކަކަށް ވާތީ އެ ތަކެތި ފޮނުވަނީ ރަނގަޅު ނިޒާމެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ކޮވިޑްގެ ހާލަތު ހަނދާން ނައްތާލުމަށް އެދިވަޑައިގެންނެވި އެވެ. އަދި އޭގެ ސަބަބުން ޕްރޮކިއުމަންޓްގައި އޮންނަ ސީދާ އުސޫލުގެ ތެރެއިން ސިލިންޑަރުތައް ނުގެނެވިދާނެކަން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ،

"އެހެންވީމާ އެއަށްވެސް ރިއާޔަތް ކުރަން ޖެހޭނެއޭ. ނަމަވެސް ގޯސްކޮށް ކަމެއް ކޮށްފަ އޮތިއްޔާ އެކަން ނުކުރާށެކޭ ނުދަންނަވަން. އަޅުގަނޑު އަދިވެސް ބޭނުންވަނީ އެ ރިޕޯޓް ސްޓަޑީ ކޮށްލަން މީގަ މައްސަލައެއް އުޅެންޏާ އަޅުގަނޑުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާ ބުނަން ޖެހޭ އެއްޗެއް ބުނަން" ގާސިމް ވިދާޅުވި އެވެ.

އިކްރާމްގެ އިތުރު ދެ މައްސަލައެއްވެސް އެސްއޯއީ ކޮމެޓީން މިހާރު ދަނީ ބަަލަމުން ނެވެ. އޭގެ ތެރޭގައި މޯލްޑިވްސް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ޚަރަދުގައި އިކުރާމު ސިންގަޕޫރަށް ދަތުރުކުރިކަމަށް ކުރެވޭ ތުހުމަތުތަކާއި އަދި މޯލްޑިވް ގޭސްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލަ އެކެވެ.