ރައްޔިތުންގެ މަޖިލިސް

ބްރޯޑްކޮމަށް މެންބަރު ހޮވި ގޮތާމެދު ސުވާލު އުފައްދައިފި

Mar 3, 2021
2

ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުގެ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަނު ކުރަން މަޖިލީހުން ނިންމި ނިންމުމާމެދު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ސުވާލު އުފައްދަވައިިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުގެ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރަން 55 މެންބަރުންގެ ރުހުން އޮތެވެެ.

އެ ވޯޓް ނެގުމުގެ ކުރިން ލިސްޓް ތަރުތީބު ކުރެވިފައިވާ ގޮތާމެދު މެންބަރު ހުސައިން ޝަހީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ކޮމެޓީގައި އެތައް ވަގުތެއް ހޭދަ ކޮށްގެން މަސައްކަތް ކޮށް ރިޕޯޓް ގެނައުމުން އެއަށް ބަދަލު ގެންނަ ނަމަ ކޮމެޓީތައް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ކޮމެޓީތަކުގެ މަސައްކަތާއި ކޮމެޓީ ރިޕޯޓާއި އަޅުގަނޑުމެންނަށް ފެންނައިރުގައި މާ ކުޑަކޮށް ފެނިދާނެ. ކޮމެޓީއެއްގައި އެތައް ގަޑިއެއް ހޭދަ ކޮށްގެން ކޮމެޓީގެ މެންބަރުން އެތައް ވަގުތެއް ހޭދަކޮށްގެން އިންޓަވިއުގައި އެތައް ވަގުތެއް ހޭދަކޮށްގެން ރިޕޯޓެއް ގެނައީމަ އަޅުގަނޑުގެ ދާއިރާގެ މީހެއްގެ މަންމަ އާއި ބައްޕައޭ ކިޔާފައި ކަޓުވާލީމަ މިއީ ކޮމެޓީތައް މިތަނުން އުވާލަންޖެހޭ މައްސަލައެއް،" ރައީސް ނަޝީދުގެ ސަމާލު ކަމަށް މައްސަލަ ގެންނަވާ ހުސައިން ވިދާޅުވިއެވެ.

މެންބަރެއްގެ ނަން ސާފުކޮށް ވިދާޅު ނުވެ ހުސައިން ވަނީ ކޮމެޓީން ދިރާސާކޮށް ވަކި ބޭފުޅެއް ރަނގަޅު ކަމަށް ބުނުމުން އެ ނިންމުމަށް އެހެން ގޮތަކުން ނުފޫޒު ފޯރުވާ މަޖިލީހުގެ ތަޅުމުގައި ވޯޓް ނަގާ މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރެވޭނެ ކަމަށެވެ.

"ކޮމެޓީއެއްގައި ތިބެގެން ހެސްކިޔާފަ ބުރަކޮށް މަސައްކަތްކޮށް ގިނަ އަދަދެއްގެ މެންބަރުން ވޯޓްލައިގެން ފޮނުއްވާފަ އިންނަ ތަރުތީބަކުން ނަން ފޮނުވާފައި އަދި ކޮމެޓީ ބޭފުޅުން މިވެނި ބޭފުޅެކޭ އިންޓަވިއުގައި ރަނގަޅީ އެހެން ވިދާޅުވީމަ އުހޫންން.. އޭނަގެ އާއިލާ މަށަށް ވޯޓްދޭ މީނަގެ އާއިލާ މަށަށް ވޯޓްދޭ އެ ގޮތަށް ފާސްކޮށްގެން އައިސް މިތާނގައި [މަޖިލިސް ތަޅުމުގައި] ވޯޓް ނަގައިގެން ތަންތަނަށް ބޭފުޅުން އައްޔަން ކޮށްފައި ދެން ކިޔާނެ ކަމެއް ނެތް، ކަލޭމެން މިވެނި ކޮމެޓީއެއްގައި ކުރީ ކީއް، އެވެނި ކޮމެޓީއެއްގައި ކުރީކީއް. އެހެން ކިޔަކަސް އެކަމެއް ނުނިމޭނެ،" އިއްޔެ ބްރޯޑްކޮމްގެ މެންބަރު ކަމަށް ރުހުން ދިން ފަޒީން ނިސްބަތްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނަށް އިޝާރާތްވާ މޭރުމުން ހުސައިން ވިދާޅުވިއެވެ.

އޭނާ ތަކުރާރުކޮށް ވިިދާޅުވީ މަޖިލީހުގެ ތަޅުމުގައި އިއްޔެ ވޯޓް ނެގުނީ ކޮމެޓީން ރެކޮމަންޑް ކުރި ގޮތަށް ނޫން ކަމަށެވެ. އަދި އެ ވާހަކަ ވިދާޅުވަނީ ރެކޯޑަށްޓަކައި ކަމަށެވެ.

"އެހެން ނޫނިއްޔާ އެންމެ އާއިލާ ބޮޑު މީހާ ގެނެސް ތަންތަނަށްލާ އުސޫލަށް ގަވާއިދު ބަދަލު ކުރީމަ ނިމުނީ އިއްޒަތްތެރި ރައީސް،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވާ ހުސައިން ވިދާޅުވިއެވެ.

ބްރޯޑް ކޮމްއަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ލިސްޓުގެ ކުރީގައިވެސް އޮތީ ފަޒީން އެވެ. ފަޒީންގެ ފަހަތުން ދެން ލިސްޓުގެ އެންމެ ކުރީގައި އޮތީ ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާއެވެ.

ފަޒީންގެ ނަން ފާސްވުމުން ޝިފްޒާގެ ނަމަށް ވޯޓަކަށް ނާހަ އެވެ.

ނަމަވެސް ކޮމެޓީން އެންމެ ގިނަ މާކުސް ލިބުނީ ޝިފްޒާއަށެވެ. އޭނާއަށް ކޮމެޓީގެ ހުރިހާ މެންބަރުން ވޯޓް ދެއްވިއެވެ. ފަޒީންއަށް ވޯޓް ދެއްވީ 8 މެންބަރުންނެވެ. މީގެ ކުރިން ރައީސް ފޮނުއްވި ލިސްޓްގައިވެސް ފަޒީން އޮތީ އެންމެ ކުރީގައެވެ. ނަަމަވެސް އެ ފަހަރު ފަޒީންގެ ނަން ކަނޑުވާލުމަށްފަހު ފުރުސަތު ދިނީ އެހެން ބޭފުޅަކަށެވެ.