ވިޔަފާރި

އެމްޓީސީސީއަށް ތިންވަނަ ކުއާޓަރުގައި 28.7 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 28.7 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

އެމްޓީސީސީން މި އަހަރުގެ ތިންވަނަ ކުއާޓަރު (ޖުލައި- ސެޕްޓެމްބަރު 30) ގެ ނިޔަލަށް އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 265 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 49.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 28.7 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 46 މިލިއަން ރުފިޔާ ލިބުނެވެ. އަދި ދެވަނަ ކުއާޓަރުގައި އެ ކުންފުނިން 244 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، ޖުމްލަ ފައިދާގެ ގޮތުގައި 72 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.