ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް ނިމިގެން ދިޔަ ސަރުކާރުގައި އިއުލާންކުރިއިރު ފްލެޓް ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން އުސޫލު އެނގެން ނެތް ކަަމަށް ފްލެޓް ކޮމެޓީގެ މުގައްރިރު ތޯހާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ފްލެޓްތައް ދިންއިރު ސިވިލް ސާވިސް ކެޓަގަރީ ފިޔަވައި ހުރިހާ ކެޓަގަރީތަކުންވެސް ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބެލި އެވެ.
މިއަދު މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ތޯހާ ވިދާޅުވީ ފްލެޓްތައް ދިން ހުރި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް މާކްސް ދީފައި ހުރި ކަމަށެވެ. ނަމަވެސް އޭނާގެ ކަންބޮޑުވުމަކަށްވީ ހާލަތަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު ހަމަތަކާއި އުސޫލުތަކާ ގުޅޭ އެއްވެސް މިންގަނޑެއް އެނގެން ނެތުމެވެ. އެކަމާ ގުޅޭ ގޮތުން އޭރު ހައުސިން މިނިސްޓްރީގައި އުޅުނު ފަރާތްތަކާ އިންޓަވިއުކުރުމުން އެފަދަ މިންގަނޑުތަކެއް ކަނޑައަޅާފައި އޭރު ނެތްކަންވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ގައިމުވެސް ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސްއެއް އޭރަކު ކުރިއަށް ގެންގޮސްފައެއް ނެތް. އެ ބޭފުޅުން ވިދާޅުވީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވަނީ ކެބިނެޓް މިނިސްޓާސްގެ ބިއުރޯއަކުން ކަމަށް. އެއީ ހައުސިން މިނިސްޓްރީގައި ވަކި ސަރަހައްދެއް ވަކިކޮށްފައި އިންނަނީ އެތަނަށް. މިނިސްޓްރީގެ ބިއުރޯގައި މިތިބެނީ ސިޔާސީ މީހުންނާއި މެމްބަރުންގެ ކޮމެޓީއެއް އޮވޭ ޕޮއިންޓް ދިނުމާއި ލިސްޓުތައް ފައިނަލް ކުރުމާއި ކަންތައް ކުރިއަށް ގެންދަނީ އެ ކެބިނެޓް މިނިސްޓަރުގެ ބިއުރޯއިންއޭ." ތޯހާ ވިދާޅުވި އެވެ.
ދިރިއުޅުގެ ހާލަތަށް ކުރިން މާކްސް ދީފައިވަނީ ފޯމް ހުށަހަޅި މީހުން އެ ފޯމްގައި އެމީހުންގެ ދިރިއުޅުމުގެ ހާލަތާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުމަށް ބަލައިގެން ކަމަށްވެސް ތޯހާ ވިދާޅުވި އެވެ. ނަމަވެސް ނުކުޅެދުންތެރިކަމުގެ ކެޓަގަރީ ފަދަ ކެޓަގަރީތަކުން ކުރިން ފްލެޓް ލިބުނު މީހުން އެމީހުންގެ ފޯމް ގައި ދިރިއުޅުމުގެ ހާލަތާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް ލިޔެފައި ނުވާކަން އޭނާ ފާހަަގަކުރެއްވި އެވެ.
ނަމަވެސް މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން ވަނީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދޭނެ މިންގަނޑެއް އެކުލަވާލާފައެވެ. އަދި ފަހުން ވަނީ އެ މިންގަނޑު ހާމަކޮށްފައެވެ.