އިބްރާހިމް ރިއްފަތު

ނިޝާން އޮތަސް ފްލެޓް ލިޔުން ބާތިލުކުރެވިދާނެ: އޭޖީ

ދައުލަތުން ދޫކުރާ ލިޔުމެއްގައި ދައުލަތުގެ ނިޝާން ޖަހާފަައި އޮތަސް އެ ލިޔުމެއް ބާތިލު ކުރެވިދާނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ފްލެޓް ލިބުނު ކަމުގެ ލިޔުންތަކުގެ ސައްހަ ކަމާއި އަދި އެ ލިޔުންތަކުގައި ދައުލަތުގެ ނިޝާން ޖަހާފައި ވަނިކޮށް އެފަދަ ލިޔުމެއް ބާތިލުކުރެވިދާނެތޯ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު އަސްލަމްވެސް ބައިވެރިވެވަޑައިގެން އެ ބައްދަލްވުމުގައި ބަންޑާރަ ނާއިބު ވިދާޅުވީ ދައުލަތުން ދޫކުރާ ލިޔުމެއްގައި ދައުލަތުގެ ނިޝާން ޖަހާފަައި އޮތަސް ގާނޫނީ ބަނދެވުމަކުން ބަނދެވޭނީ އެ ލިޔުމެއްގައި ބަޔާންކޮށްފައިވާ ވާހަކަތަކަކުން ކަމަަށެވެ. ހިޔާ ފްލެޓް ލިބުނު ކަމަށް ބުނެ ދޫކުރި ލިޔުންތަކުގައި ގިނަ ޝަރުތުތަކެއް އެބަހުރި ކަމަށާ އެހެން ކަމުން އެ ޝަރުތުތައް ހަމަނުވާނަމަ އެ ލިޔުން ބާތިލު ކުރެވިދާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި ދައުލަތުން ދޫކުރާ ލިޔުމެއްގައި ދައުލަތުގެ ނިޝާން ޖަހާފަައި އޮތަސް ހަގީިގަތުގައި އެ ލިޔުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފައްދާ ލިޔުމަކަށް ވެގެން ދަނީ އެ ލިޔުމުގައި ބަޔާންކޮށްފައިވާ ވާހަކަތަކުން. އެ ލިޔުމުގައި ބަޔާންކޮށްފައި އޮންނަ އިލްތިޒާމުތަކުން. ފްލެޓް ލިބުނު ކަމުގެ ލިޔުމަށް ބަލާއިރުގައި އެ ލިޔުމުގަައި އެބަ ބުނޭ ލިސްޓްގައި ހިމެނުނަސް، ލިޔުން ހަވާލު ކުރެވުނަސް ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ ވާހަކަ. އަދި އެބަ ބުނޭ އެއްބަސްވުން ސޮއިކުރުމުގެ ކުރިން އެ މީހަކު ދީފައިވާ މައުލޫމާތު ފްލެޓް ދިންކަމުގެ ޝަރުތަކާ ދިމާވޭތޯ ނޫނިއްޔާ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށް،" ރިފްއަތު ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓް ލިބޭ ލިސްޓަށް ދެމަފިިރިން ހޮވިއްޖެ ހާލަތެއްގައި އެ މީހުންގެ ތެރެއިން ދަރިން ބަލާ މީހަކަށް އިސްކަން ދިނުމާއި ދަރިއަކު ނެތްނަމަ ފްލެޓް ލިބޭނެ މީހަކު ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ ހަގީގީ މައުލޫމާތު ސާފުނުކޮށް ދޫކުރާ ދަައުލަތުގެ ނިޝާން ޖަހާފައި އޮތް ލިޔުމަކީ ހައްގެއް އުފަން ކުރުވާނެ ލިޔުމަކަށް ނުވާނެ ކަމަށެވެ.

"ހަގީގަތުގައި ފްލެޓް ލިބުނު ކަމުގެ ލިޔުމަކީ މުދަލުގެ މައްޗަށް މީހެއްގެ ހައްގު ގާނޫނީ ހަމަތަކުގެ މަތިން އޮތްކަން ދަލާލަތު ކޮށްދޭ ލިޔުމެއް ނޫން. އެ ލިޔުމަކީ ޝަރުތުގެ މައްޗަށް ބިނާވާ ނުވަތަ ކޮންޑިޝަނަލް ލިޔުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަދި އެ ލިޔުމަކީ އެ ލިޔުމުގައި އެ ބުނާ ޝަރުތުތައް ބެލުމަށްފަހުގައި އެއިން ޝަރުތެއް ފުރިހަމަ ނުވާ ހާލަތުގައި ބާތިލު ކުރެވޭނެ އެއްޗެއް. އެޔަކަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ސުޕްރީމް ކޯޓުންވެސް އެފަދަ ނިންމުންތައް ނިންމާފައިވާ ކަމަށް އިޝާރާތް ކުރައްވާ އޭޖީ ވިދާޅުވިއެވެ.

"ހައްގު އުފަންވަނީ ޒިންމާއާއެކުގައި،" އޭޖީގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވިއެވެ.