ހަބަރު

"ފިނިފެންމާ" ގައި ގޮވީ ބޮމެކޭ ބުނާނެ ޔަގީން ހެއްކެއް ނުފެނޭ: އެފްބީއައި

Nov 1, 2015
1
  • އެފްބީއައި ރިޕޯޓް ވަނީ ސަރުކާރަށް ލިބިފައި
  • އެފްބީއައި ބުނަނީ ބޮމެއްކަން ކަަށަވަރުވާ ހެކި ނުލިބުނޭ
  • ސައުދީގެ ސާމްޕަލް އިން ވަނީ އާރްޑީއެސް ފެނިފައި

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގުގައި އެއީ "ބޮމެކޭ ބުނާވަރުގެ ޔަގީން ހެއްކެއް ނުލިބުނު" ކަމަށް ތަހުގީގައި ބައިވެރިވި އެފްބީއައިއިން ބުނެފި އެވެ.

ރައީސް ޔާމިން އަވަހާރަ ކޮށްލަން ދިން ހަމަލާ އެމެރިކާގެ އެފްބީއައިއާ ސައުދީގެ ފޮރެންސިކް ޓީމަކާއި ސްރީލަންކާ އާ އިންޑިޔާ އިން ތަހުގީގު ކުރި އެވެ. އޭގެތެރެއިން މިހާތަނަށް ލިބިފައިވަނީ ސްރީލަންކާގެ ފޮރެންސިކް ރިޕޯޓާއި ސައުދީގެ ފޮރެންސިކް ރިޕޯޓުތަކެވެ. އެފްބީއައިގެ ރިޕޯޓް ވެސް މިއަދު ވަނީ ސަރުކާރަށް ލިބިފަ އެވެ.

އެފްބީއައިގެ ރިޕޯޓް ސަރުކާރުން ހާމަ ކުރުމުގެ ކުރިން އެފްބީއައިގެ ތަރުޖަމާނަަކާ ހަވާލާދީ "ދަ ވޯލް ސްޓްރީޓް ޖާނަލް"ގައި މިރޭ ބުނެފައި ވަނީ އެފްބީއައިން ކުރި ތަހުގީގުގައި ހާދިސާ ހިނގި ލޯންޗުކޮޅުގެ އެތެރެ ބަލާފާސްކޮށް ކެމިކަލް ޓެސްޓުތަކެއް ހެދި ކަމަށާއި ގޮއްވާލި އެއްޗެއްގެ ބައިތައް ކަމަށް މީގެކުރިން ބެލެވުނު އެއްޗެއްސަކީ ލޯންޗުގެ އެތިކޮޅުތަކެއް ކަމަށް ތަހުގީގުން ހާމަވާ ކަމަށެވެ.

ލޯންޗުގައި ގޮއްވައިލީ އައިއީޑީ ބޮމެއް ކަމެއް ތަހުގީގުގެ އެއްވެސް ހެއްކަކުން އަދި މިހާތަނަކަށް ޔަގީން ކަމާއެކު ހާމަވާން ނެތް ކަމަށެވެ.

އެފްބީއައިއާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ޖެހި ހަބަރާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވީ އެފްބީއައިގެ ރިޕޯޓް ސަރުކާރަށް މިއަދު ލިބިފައިވާ ކަމަށާއި އެފްބީއައި އާއި ހަވާލާދީ ފަތުރާ ހަބަރުގައި ލޯންޗުގައި ގޮއްވާލީ "ބޮމެއް ނޫނޭ" ބުނާ ކަމަށް ވަންޏާ އެއީ މުޅީން ހަގީގަތެއް ނޫން ކަމަށެވެ. އަދި ވޯލް ސްޓްރީޓް ޖާނަލްގައި ހަބަރު ލިޔެފައި ވަނީ ވެސް މުޅީން ރަނގަޅަށް ނޫން ކަމަށެވެ.

އުމަރު ވިދާޅުވީ އެފްބީއައިގެ ރިޕޯޓްގައި އޮތީ އެމީހުން ބެލިބެލުމުން ޔަގީން ކަމާއެކު އެއީ ހަރުކޮށްފައި އިން ބޮމެކޭ ބުނެވޭ ވަރު ނުވާ ކަމަށް ކަމަށެވެ

"އެއީ ބޮމެއް ނޫނެކޭ އެއް އެފްބީއައިއަކުން ނުބުނޭ. ޔަގީން ކަމާއެކު އެއީ ބޮމެކޭ ބުނާވަރަށް ތިމަންނަމެނަކަށް ހެއްކެތް ނުލިބުނޭ ތިމަންނާމެނެކަށް. އެކަމަކު އެއީ ބޮމެއް ނޫނެކޭ ވެސް އެމީހުންނެއް ނުބުނޭ މިއީ މިބާވަތުގެ ރިޕޯޓްތަކުގައި ބުނާގޮތް އެއްވެސް އެއްޗެއް ރޫލް އައުޓެއް ނުކުރާނެ އެއްވެސް އެއްޗެއް ޔަގީން ކަމާއެކު ކޮންކުލޫސިވް އަކަށް ވެސް ނުދާނެ،"

އުމަރު ވިދާޅުވީ ގޮވާ އެއްޗެހީގެ އެއްވެސް މާއްދާއެއް ފެނޭތޯ އެފްބީއައިއިން ގެންދިޔައީ 10 ސާމްޕަލް ކަމަށާއި ސައުދީން ހަ ސާމްޕަލް ގެންދިޔަ އިރު ސައުދީ ޓީމަށް އާރްޑީއެސް ފެނުނު ކަމަށެވެ. ނަމަވެސް އެފްބީއައި މީހުން ގެންދިޔަ ސާމްޕަލްތަކުން އެމީހުންނަށްނަށް އެފަދަ މާއްދާއެއް ނުފެނުނު ކަމަށާއި އެއްޗެއް ނުފެނުމުގެ މާނައަކީ އެކްޕްލޯސިވް ނެތުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ލެބޯޓަރީ ޓެސްޓެއްގައި އެކްސްޕްލޯސިވް އެކްސްޕާޓުން އިއްތިފާގުވާ ކަމެއް އޮންނަ ކަމަށާއި އެއީ ގޮއްވާލާފައި އޮންނަ ސީން އޮފް ކްރައިމްއަކުން އެކްސްޕްލޯސިވްގެ އެއްވެސް މާއްދާއެއް ލެބޯޓަރީ ޓެސްޓަކުން ނުދެއްކުމަކީ އެކްސްޕްލޯސިވް ބޭނުންކޮށްފައި ނެތުން ނޫން ކަމަށެވެ. އަދިއެންމެ ކައިރި ގޮތަކީ ހައި އެކްސްޕްލޯސިވް ބޭނުންކޮށްފައި ހުރުން ކަމަށް ބެލުން ކަމަށެވެ.

"ހައި އެކްސްޕްލޯސިވްއަކީ ވަރަށް ބާރަށް އަނދައިގެންދާ އެއްޗަކަށްވާތީ އެމާއްދާ ފެންނަން ނެތީ. އެހެންވީމަ އެފްބީއައި ޓެސްޓުން އެމީހުންނަށް ނުފެނުނީ ހައިއެކްސްޕްލޯސިވް ގޮވިލެއް ބާރުކަމުން ހައި އެކްސްޕްލޯސިވްގެ އެއްވެސް މާއްދާއެއް، ސައުދީ މީހުންގެ ގެންދިޔަ ހަ ސާމްޕަލްގެ ތެރެއިން އެންމެ ސާމްޕަލްއަކުން އާރްޑީއެސް ފެނުނީ. އެހެންމީ ޔަގީން ކަމާއެކު ދަންނަވަން ކެރެނީ މި ދެގައުމުގެ މީހުން ހެދި ޓެސްޓުން ކުރެ އެއްޓެސްޓުން އާރްޑީއެސް ފެނިއްޖޭ އެހެންވީމާ އެ މާއްދާ ބޭނުންކޮށްފައޭހުރީ މިއީ ގޮއްވާލުމެކޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ވޯލްސްޓްރީޓްގައި ރިޕޯޓް ކުރީ އެފްބީއައި ރިޕޯޓްގައި މުޅިން އޮތް ގޮތަށް ނޫން ކަމަށާއި އެ ރިޕޯޓް އެ މަނިކުފާނުގެ އަތްޕުުޅުގައި އޮތް އިރު އޭގައި ބުނަނީ ޔަގީން ކަމާއެކު އެއީ ގޮއްވާލުމެކޭ ބުނާވަރުގެ ހެއްކެއް އެމީހުންގެ ސާމްޕަލްތަކުން ނުފެނުނު ކަމަށެވެ.