އައިޝަތު މުހައްމަދު ދީދީ

ވަޒީފާގައި އަންހެނުން ޝާމިލްވާ މިންވަރު މާ ކުޑަ: މިނިސްޓަރު

ވަޒީފާގެ ބާޒާރުގައި އަންހެނުން ޝާމިލްވާ މިންވަރު މާ ކުޑަކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީި ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މަޖިލީހުގައި ތަގުރީރުކުރައްވަމުން މިނިސްޓަރު ވަނީ ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުން މަދުވުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ވަޒީފާތައް ގެއްލުމުން އިންކަމް ސަޕޯޓް އެލަވަންސް ދިން މީހުންގެ ތެރޭގައި 20،000 އަށް ވުރެ ގިނަ މީހުން ހިމެނުނުއިރު އޭގެ ތެރޭގައި 7466 އަންހެނުން ހިމެނެއެވެ. އެ އަދަދުތަކުންވެސް ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު މަދުކަމާއި ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުން މަދުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވަޒީފާގެ ބާޒާރުގައި އަންހެނުން މަދުކަމުގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރު ދެން ފާހަގަކުރެއްވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗާ ސާވޭ 2019" ގެ ތަފާސް ހިސާބު ތަކެވެ. އެ ހިސާބުތަކުގައި ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ 46 ޕަސެންޓެވެ.

" މިއީ ރާއްޖޭގެ އެވްރެޖް 60 ޕަސެންޓަށްވުރެ ދަށް އަދަދެއްކަށް ފާހަގަކުރަން" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަށް އޮތް ހައްލެއްގެ ގޮތުން އަންހެނުންނަށް ވަޒީފާގެ ތަމްރީންތައް ހޯދައިދީ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވޯލްޑްބޭންކާއެކު ޕްރޮގްރާމްތަކެއް މިހާރު ފަރުމާ ކުރަމުންދާ ކަަން މިނިސްޓަރު އިއުލާންކުރެއްވި އެވެ.